އަށެއްގެ ދަރިވަރުންގެ ކިޔެވުމަށް ގެންނަ ބަދަލުން، މުޅި އުމުރަށް ނޭދެވޭ އަސަރުކޮށްފާނެ: އައިޝަތު އަލީ

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ: އަށެއްގެ ދަރިވަރުންގެ ކިޔެވުމަށް ގެންނަ ބަދަލުން، މުޅި އުމުރަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި -- ފޮޓޯ/ އެންއީއޯސީ

މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އޯ ލެވެލް އިމްތިހާނު ހަދާ ތާރީޚު އަވަސްކުރުމުން، އޭގެ ނޭދެވޭ އަސަރުތައް އެ ކުދިން މުޅި އުމުރުގައި ތަހައްމަލުކުރަން ޖެހިދާނެ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ގްރޭޑް އަށެއްގައި ކިޔަވާ ކުދިން، މި ހިނގަމުންދާ ދެ ވަނަ ޓާމުގައި އޯ ލެވެލް ސިލަބަސް ކިޔަވަން ފަށާނެ ކަމަށާއި އެ ކުދިން އަންނަ އަހަރުގެ ނޮވެމްބަރު މަހު އޯ ލެވެލް އިމްތިހާނުގައި ބައިވެރިކުރާނެ ކަމަށް ބުނެފައެވެ.

އެ ބަދަލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އައިޝަތު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭގެ ސަބަބުން އަށެއްގެ ދަރިވަރުންނަށް އެއް ޓާމުގެ ކިޔެވުން ގެއްލޭ ކަމަށެވެ.

"ގްރޭޑް ހަތެއް އަދި އަށެއެއްގެ ކިޔެވުމަކީ އެ ކުދިން ހުރިހާ ސްޓްރީމްތަކެއްގެ މާއްދާތަކަށް އަހުލުވެރި ކުރުވާ، ގްރޭޑް ނުވައެއްގައި ސްޓްރީމް ހިޔާރުކުރަން އެއީތެރިވެދޭ ކިޔެވުމެއް. އަދި އެކުދިންގެ މުސްތަގުބަލަށް މުހިންމު ކިޔެވުމެއް،" އޭނާ ވިދާޅުވިއެވެ.

އެ އަހަރުތަކުގައި ކިޔަވާ ކަރިކިއުލަމްގެ ހުރިހާ ބައިތަކެއް ގުޅިލާމެހިފައިވާކަން ފާހަގަކުރައްވައި އައިޝަތު ވިދާޅުވީ، މަންހަޖުގެ އެއްބައި ކިޔަވައި ނުދީ ދޫކޮށްލައިފިނަމަ އަނެއް ބައިތައް ފަހުމުވުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

މީގެ އިތުރުން އޯލެވެލްއަށް ތައްޔާރުވާ ދެ އަރަހަކީ ދަރިވަރުންނަށް ވަރަށް މުހިންމު އަދި ވަރަށް ސްޓްރެސް ބޮޑު ދެ އަހަރު ކަމަށާއި އަށެއްގެ ދަރިވަރުންނަށް، އަވަސް އަރުވާލައިގެން އެފަދަ ބުރައެއް ޖައްސަން ޖެހޭ ހާލަތެއް މިވަގުތު ނެތް ކަމަށް އައިޝަތު ވިދާޅުވިއެވެ. އަދި ކޮވިޑް-19އާ ގުޅިގެން ދަރިވަރުންގެ ނަފުސާނީ އަދި އިޖުތިމާއީ ތަރައްގީއަށް ވަރަށް ބޮޑެެތި އަސަރުތަކެއްކޮށްފައި ވަނިކޮށް މި ބަދަލު ގެނައުމުން ދާއިމަށް ނޭދެވޭ އަސަރުތައް ތަހައްމަލުކުރަން ޖެހުން ގާތް ކަމަށް އޭނާ ވިދާޅުވިއެވެ.

2020ގައި ދިރާސީ އާ އަހަރުގެ ސްކޫލް ފެށުން: މިހާރު ދިރާސީ އަހަރު ފަށަނީ އަހަރު މެދުތެރެއިން ނަމަވެސް މި ސަރުކާރުން ވަނީ، ޖެނުއަރީ މަހު ދިރާސާ އަހަރު ފަށާ ގޮތަށް ބަދަލުކުރަން ނިންމައިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދިރާސީ އަހަރު ދިގު ދައްމާލަން ނިންމި އެންމެ މުހިންމު ސަބަބަކީ ވެސް ކޮވިޑްގެ ސަބަބުން ދަރިވަރުންނަށް ދިމާވި އުނގެނުމުގެ ދަތިތަކުން އެކުދިން އަރައިގަތުމަށް ފުރުސަތު ދިނުން. މިބަދަލާމެދު ބެލެނިވެރިންނާއި މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ވެރިން ވިސްނާލުން މުހިންމު،" އައިޝަތު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ފެށުން އަހަރު މެދަށް ބަދަލުކުރީ، ޓޫރިޒަމްގެ ޕީކް ސީޒަން ޑިސެމްބަރުގައި އަންނާތީ، ރިސޯޓު މުވައްޒަފުންނަށް އެ މީހުންގެ ދަރިންގެ ގާތުގައި ޗުއްޓީ ހޭދަކުރަން ދަތިވާތީކަމަށް ބުނެއެވެ.

އޭރު އައިޝަތު ވަނީ، އެ ބަދަލު ގެނައީ ދިރާސާކުރުމަށްފަހުގައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ބަދަލު ގެނައުމާއެކު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޖޫން، ޖުލައިއަކީ މޫސުމީ ވިއްސާރަވާ ދުވަސްވަރަކަށް ވާތީ ދަތުރުފަތުރަށް ހުރަސް އެޅޭކަމަށް ބުނެއެވެ.

އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދަރިވަރުންގެ ބޮޑު ޗުއްޓީ އަލުން ޑިސެމްބަރަށް ބަދަލުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެ ވައުދާ އެއްގޮތަށް، އަންނަ އަހަރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު މަހު ކަމަށް މި ހަފުތާގައި ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

އެ ބަދަލު ގެނައުމަށް ޓަކައި މި ދިރާސީ އަހަރުގެ ދެވަނަ ޓާމްގައި ކިޔަވާ ދުވަސްތައް މަދުކޮށް، ބޮޑު ޗުއްޓީ ވަނީ މެއި އެކަކަށް ބަދަލުކޮށްފައެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި، 2023/2024ގެ ދިރާސީ އަހަރުގެ ކަލަންޑަރުގައި އޮތް ގޮތުން ދެވަނަ ޓާމް ނިމޭނީ ޖޫން 13ގައެވެ. އަދި ޖެހިގެން އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖުލައި 31ގައެވެ.

މިހާރު އޮތް ގޮތުން ދެން އޮންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނި އަންނަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

comment ކޮމެންޓް