ޔޫރޮޕްގެ ގައުމުތަކަށް އުދުހެވޭ ވަރުގެ ވައިޑް ބޮޑީ އެއާ ކްރާފްޓް އޮޕަރޭޝަންތައް ފެށުމަށް ޓަކައި އެ ފެންވަރު ހުރި މަތިންދާ ބޯޓު ގެނައުމުގެ މަޝްވަރާ ޓްރާންސްޕޯޓް މިނިސްޓްރީން، މަތިންދާ ބޯޓު އުފައްދާ ކުންފުނި، ބޮއިންއާއެކު މިއަދު ކޮށްފިއެވެ.
މި މަޝްވަރާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި، ބޮއިން ކުންފުންޏާއި އައިލެންޑް އޭވިއޭޝަންގެ މަންދޫބުން ވަނީ ބައިވެރިވެލައްވައިފައެވެ.
އެ ބައްދަލުވުުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ވައިޑް ބޮޑީ އެއާ ކްރާފްޓް އޮޕަރޭޝަންތައް ރާއްޖެއަށް ތައާރަފް ކުރުމާ ގުޅޭ ގޮތުންނެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، މީގެ ދެ ދުވަސްކުރިން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުންވަނީ ބޮއިން 8-787 މަރުކާގެ ބޯޓެއް ހަ އަހަރުގެ ދުވަހުގެ މުއްދަތަށް ކުއްޔަށް ހޯދަން އިއުލާނުކޮށްފައެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ މި ބޯޓު ކުއްޔަށް ގެންނަނީ ޑްރައި ލީޒް އުސޫލުން ކަމަށެވެ. އެގޮތުން އެ ކުންފުނިން ކަނޑައަޅާ ޝަރުތުތަކެއްގެ ތެރެއިން އެ ބޯޓު ގެނެސްދޭން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު އޮތީ ހުޅުވައިލައިފައެވެ.
އެގޮތުން ބިޑަށް ރަޖިސްޓްރީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް ބިޑް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މަތިންދާ ބޯޓުގައި އިކޮނޮމިކް އަދި ބިޒްނަސް ކްލާސް ހުންނަންވާނެ ކަމަށާއި ބިޒްނަސް ކްލާސްގައި މަދުވެގެން 15-20 ސީޓު ހުންނަންވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.
މި މަތިންދާބޯޓު ހޯދުމުގެ މައިގަނޑު މަގްސަދަކީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމެވެ.
ބޮއިންގް 8-787 މަރުކާގެ މަތިންދާބޯޓަކީ 250 ސީޓް ހުންނަ ބޯޓެކެވެ. މި ބޯޓަކީ 14،200 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.