އަޒްހާންގެ މިއީ އިޝްގް: އެތައް ސުވާލެއް، ހާމަނުވީ ކޮން ސިއްރެއް؟

ކުޅަދާނަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ މިއީ އިޝްގުގެ މަންޒަރެއް --

ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ "މިއީ އިޝްގް" އޭނާއަށް ޚާއްސަވަނީ މިއީ އޭނާ މިހާތަނަށް ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ސިނަމާއެއްގައި ދައްކާ ބޮޑު ފިލްމަށް ވުމުންނެވެ.

މި އަހަރު އޮލިމްޕަސް ސިނަމާގައި އެޅުވި އެންމެ ފުރަތަމަ ފިލްމަކީ ވެސް މިއީއެވެ. ގާތްގަނޑަކަށް ދެ ގަޑިއިރުގެ މި ފިލްމަކީ އުފަލާއި، ހިތްދަތިކަމުގެ އިތުރުން ލޯބީގެ އިހުސާސްތަކެއް ގެނުވި ފިލްމެކެވެ.

މި ފިލްމު ފުރިހަމަވި އެއް ސަބަބަކީ ލީޑު ރޯލުން އާރިޒްގެ ގޮތުގައި ފެންނަ ޝަރަފް އަބްދުﷲ އާއި ސަބާގެ ރޯލުން ފެންނަ އައިމިނަތު ރަޝްފާ (އާޝާ)ގެ އެކްޓިން މި ފިލްމުގައި ހިތްގައިމުވުމެވެ. ހަމައެއާއެކު އެެހެން ރޯލުތަކުން ފެންނަ އެކްޓަރުންގެ އެކްޓިން ވެސް ފުރިހަމައެވެ.

"މިއީ އިޝްގު"ގެ ލީޑުން ފެންނަ ޝަރަފާއި، ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހީމާއި، އާޝާ -- ފޮޓޯ/ އަޒްހާން

ކުޑަ ވެކޭޝަނަކަށް ކ. މާފުއްޓަށް ދާ ދެ ޒުވާނުންގެ ދެމެދު ހިނގާ ކޫސަނި ކޯޅުމަކުން، އަސަރުގަދަ ލޯބީގެ ވާހަކައެއް އުފެދިދާނޭ، އެ ފިލްމު ބަލަން އިން އެކަކު ވެސް ހަމަ ހީ ނުކުރެއެވެ.

މި ހިތްގައިމު ފިލްމު ފެށެނީ، ސަބާ ގެސްޓު ހައުސަކަށް ޗެކިންވެ، ފައިސާ ދައްކައިފައި އޮއްވައި، ކުއްލިއަކަށް ހަމަ އެ ކޮޓަރި އާރިޒަށް ވެސް ދިނުމުން، އެ ކޮޓަރީގައި މަޑުކުރާނީ ކާކުތޯ ނުނިމިގެން ހިނގާ ކޯޅުމަކުންނެވެ.

ކަން ދިމާކުރާ ގޮތުން އެ ގެސްޓު ހައުސްގައި އެ ވަގުތު އެހެން އެއްވެސް ކޮޓަރިއެއް އެންމެ އަވަހަށް ވެސް ހުސްވާން އޮތީ ތިން ދުވަސް ފަހުގައި ކަމަށްވުމުން ދެ މީހުން ވެސް އެއް ކޮޓަރިއެއްގައި ބަހައިގެން ތިބެން އެއްބަސްވެއެވެ.

ރޫމްމޭޓެއްގެ ގޮތުގައި އެކުގައި އެ ކުރު ޗުއްޓީ ހޭދަކުރީ ދެ މީހުން އެކުގައެވެ. އެ ތިން ދުވަސްތެރޭ އެ ދެ މީހުންގެ ދެމެދު ފޮހެލަން ދަތި، ދުރުވާން ދަތިކުރުވާ ގިނަ އިހުސާސްތަކެއް އުފެދެއެވެ.

އާރިޒަށް ސަބާ ދެކެ ލޯބިވެވެއެވެ. ސަބާ ވެސް އާރިޒާއެކު އުޅެން ބޭނުންވެއެވެ. ނަމަވެސް މުޅި ފިލްމުގެ ފަހާ ޖެހެންދެން ވެސް އާރިޒް، ސަބާއަށް ފޮރުވި ސިއްރެއް އެބައޮތެވެ. ނަމަވެސް އާރިޒަށް ނޭނގި އޮތް ކަމަކީ، ސަބާއަަށް މާ ކުރިން އެ ސިއްރު އެނގޭ ކަމެވެ. އެ ސިއްރާއި، ސަބާއަށް ޖަވާބު ބޭނުންވެފައިހުރި ސުވާލުތައް އޭނާ ގެންދަނީ ޚިޔާރުކުރަން އުނދަގޫ އެތައް މަގަކަށެވެ. އެތައް އަހަރެއްގެ އިންތިޒާރަކަށެވެ.

މުޅި މި ފިލްމުގައި ވާގޮތް ކިޔައިދޭކަށް ނެތީމެވެ.

ކުޅަދާނަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ މިއީ އިޝްގުގެ މަންޒަރެއް --

މުޅި ފިލްމުގެ އެންމެ ފަހާ ޖެހެންދެން ވެސް އުފައްދަމުން އައި ސުވާލުތައް ވަރަށް ގިނައެވެ. ގާތްގަނޑަކަށް ދެ ގަޑިއިރުގެ މި ފިލްމު ނިމޭއިރު ޖަވާބު ބޭނުންވެފައި ހުރި ހުރިހާ ސުވާލަކަށް ޖަވާބު ލިބެއެވެ.

މި ފިލުމުން، ބެލުންތެރިންނަށް ގެނުވައިދޭން ބޭނުންވި އިހުސާސްތައް ފުރިހަމައަށް ގެނެސްދެވިފައިވެއެވެ.

ހެއްވައި މަޖާ ސީންތަކުގައި، ފަޅަފަޅައިގެންދާ ހިނިގަނޑުތަކުން މުޅި ސިނަމާތެރެ ކައްކުވައިލައެވެ. ހިމޭން، ހިތްދަތި ސީންތަކުގައި މުޅި ސިނަމާ ވެސް ހިމޭންވެއެވެ.

"މިއީ ވަރަށް ހިތްގައިމު، ހަމަ ވަރަށް ތަފާތު މި ފިލްމު. ދެން އަނެއްކާ މަންޒަރުތައް ވެސް ވަރަށް ރީތި. އަހަރެމެންނާ ވަަރަށް ގުޅޭ ސްޓޯރީއެއް މީ،" މި ފިލްމުގެ ބެލުންތެރިއަކު ބުންޏެވެ.

ލަވަތައް އެއްވަަނަ

މުޅި ފިލްމުގެ ތެރެއިން ގެނެސްދީފައިހުރި ލަވަތައް އެހައި ފުރިހަމައެވެ. ލަވަތަކުގެ ރާގާއި، ކިޔައިދޭ ވާހަކަ ފުރިހަމައެވެ. ލަވައިގެ ސިނެމެޓޮގްރަފީއާއި، އެޑިޓިން ހިތްގައިމެވެ.

ޑައިރެކްޓަރު އަޒްހާނަށް "މިއީ އިޝްގް" ޚާއްސަވާއިރު ކުރިއަށް ވެސް މިފަދަ ބޮޑު މަސައްކަތްތައް އެބަހުރި ކަމަށް އޭނާ ބުނެއެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި އޭނާގެ މަސައްކަތްތައް އިތުރު ޕްލެޓްފޯމްތަކުން ފެންނާނެ ގޮތް ވެސް ވަރަށް އަވަހަށް ވާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރުގެ ފުރަތަމަ ފިލްމަށް ވީމާ ވެސް ވަރަށް ޚާއްސަވޭ. ދެން އާޝާއާއެކު ކުރެވުނު ފުރަތަމަ މަސައްކަތަށް ވީމާ ވެސް ވަރަށް ޚާއްސަވޭ. މި އަހަރު ކުރިއަށް އޮތްތަނުގައި އޯޓީޕީ ޕްލެޓްފޯމްތަކުންނާއި، ތިއޭޓަރު، ސިނަމާއިން ވެސް ފެންނާނެ އިރާދަކުރެއްވިއްޔާ މަސައްކަތްތައް،" އޭނާ ބުންޏެވެ.

ސުވާލުތަކާއި، އެތައް ޖަޒުބާތަކާއެކު މިއީ އަޒްހާން ގެނެސްދިން އިޝްގެކެވެ.

comment ކޮމެންޓް