ވިއްސާރަވެ، މިރޭ ވެސް މާލޭގެ ބައެއް ގެތަކުގައި ފެންބޮޑުވެއްޖެ

ވިއްސާރަވެ މާލެ ބައެއް ގެތަކަށް ފެންވަންނާތީ އެމްއެންޑީއެފުން ބަސްތާ ޖަހަނީ -- ފޮޓޯ/ އެމްއެންޑީއެފް

މިއަދު މާލެ ސަރަހައްދަށް ބޯކޮށް ވާރެވެހިފައިވާތީ ބައެއް ގެތަކަށް ފެންވަދެވަފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބައެއް ގެތަކަށް ފެން ވަންނާތީ، މިހާތަނަށް ހަ ގެއެއްގައި ވެލިބަސްތާ ޖަހައިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ބޮޑުތަކުރުފާނުމަގުގެ ބޮޑުވަޅު ސަރަހައްދާއި ކުޑަކުދިންގެ ބަގީޗާއާއި ވެސްޓް ޕާކާއި ފުށްގުދަން ހިމެނޭ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ފެންބޮޑުވި މަގުތަކުގައި ޕަމްޕު ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތުގައި އެމްއެންޑީއެފާއި ސިޓީ ކައުންސިލްގެ އިތުރުން އެހެނިހެން އިދާރަތަކުން ބައިވެރިވި ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ އިދާރާއިން މިއަދު ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލުނެރެފައެވެ.

އެގޮތުން މިރޭ 12:00ގެ ނިޔަލަށް ޅ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވަނީ ރީނދޫ ސަމާލު ނެފައެވެ.

އިއްޔެ މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާނެތީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށެވެ.

އަދި އަރަބިކަނޑަށް ހުރަސްކުރާއިރު އެންމެ ބޮޑަށް ވިއްސާރަވެ، ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށް އެ އޮފީހުން ބުންޏެވެ.

މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން މާލެ ސަރަހައްދުގެ 70 ގެއެއްގައި ފެންބޮޑުވި ކަމަށް މީގެކުރިން އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

https://sun.mv/186902

އޭގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް އެހީގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް