ގދ. ވާދޫ ކައުންސިލުގައި މައްސަލަތައް ގިނަވެ، ޚިދުމަތްތައް ހުއްޓުމަކަށް އައިސްފިއެވެ.
އެ މައްސަލައިގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ވާދޫ ކައުންސިލުގެ މައްސަލަތައް ހައްލުކުރަން އިދާރީ ގޮތުން އެކަށީގެންވާ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ މައްސަލަ އަދިވެސް ހައްލުނުވާ ކަމަށެވެ.
އެ މައްސަލަ ހައްލުކުރަން އެލްޖީއޭގެ ބޯޑުގައި މަޝްވަރާކޮށް، އިންކުއަރީއެއް ހަދަން ނިންމާފައިވާ ކަމަށް އެލްޖީއޭއިން ބުންޏެވެ.
ވާދޫ ކައުންސިލުގައި އަހުލާގީ އަދި ސުލޫކީ ގިނަ މައްސަލަތަކެއް ދިމާވެ މުޅި ކައުންސިލްގެ ހިންގުން ހުއްޓި، މަސައްކަތްކުރާނެ މާހައުލެއް ނެތި، އާންމުންނަށް ދޭން ޖެހޭ ޚިދުމަތްތައް ވެސް ހުއްޓިފައިވާ ކަމަށް އެލްޖީއޭގެ ނޫސްބަޔާނުގައި ބުންޏެވެ.
މިކަމާ ގުޅިގެން ވާދޫ ކައުންސިލް މެންބަރު މާރިޔަތު އިބްރާހިމް 'ސަން'އާ ވާހަކަ ދައްކަމުން ވިދާޅުވީ ޖެހެފައިވާ ބޮޑެތި މައްސަލަތައް މިހާރު ހައްލުވެފަވާ ކަމަށެވެ. ދެން ޖެހިފަވާ މައްސަލައަކީ ކައުންސިލުގެ މާހައުލު ތެރޭގައި އެކަކު އަނެކަކާ ޖެހިފައިވާ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ކަންކަމަކީ އާންމުންގެ ތެރޭގައި ހާމަކުރަން ބޭނުންވާ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
"ޖެހިފަައިވާ މައްސަލައަކީ ކައުންސިލުގެ މާހައުލު ތެރޭގައި އެކަކު އަނެކަކާ ޖެހިފައިވާ މައްސަލަ. މިކަންކަން ހާމަ ކުރާކަށް ބޭނުމެއް ނޫން،" މާރިޔަތު ބުންޏެވެ.
ވާދޫ ކައުންސިލުގައި ފަސް މެމްބަރުން ތިބެއެވެ. އޭގެ ތެރެއިން އެއް މެންބަރު ފިޔަވާ އެންމެންނަކީ އަމިއްލަ މެންބަރުންނެވެ. ދެން ހުންނަވަނީ ޑިމޮކްރެޓްސްގެ މެންބަރެކެވެ.