ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ޝީގެ ދައުވަތަކަށް ޗައިނާއަށް ކުރައްވަމުންގެންދަވާ ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އެ މަނިކުފާނާ އެކު ސަރުކާރުގެ ވަޒީރު ބޭފުޅުންނާއި އެ ނޫން ވެސް އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މަތީފަންތީގެ ބައްދަލުވުންތަކަށް، ރައީސް މުއިއްޒު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޗައިނާގެ ރައީސް ޝީ ވަނީ ރައީސް މުއިއްޒަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މިއީ މިދިޔަ ނޮވެމްބަރު 17ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެެވެ. އަދި، މި އަހަރު ބޭރު ގައުމެއްގެ ވެރިއަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ފުރަމަނާ ފަތުރުފުޅު ވެސް މެއެވެ.
ރައީސް މުއިއްޒު މިއަދު ވަޑައިގަތުމުން 21 ބަޑީގެ ސަލާމެއް ވަނީ އަރުވައިފައެވެ. އަދި، ޗައިނާގެ އަސްކަރީ ބޭންޑުން ދެ ގައުމުގެ ގައުމީ ސަލާމް ވަނީ ކުޅެފައެވެ. އެއަށް ފަހުގައި ރައީސް ޝީ ވަނީ ރައީސް މުއިއްޒަށް ޗައިނާގެ އިއްޒަތްތެރިން ތައާރަފުކޮށް އަރުވައިފައެވެ. އަދި، ރައީސް ޝީއަށް ރާއްޖެއިން ވަޑައިގެންނެވި އިއްޒަތްތެރިން ވަނީ ތައާރަފުކޮށްދެއްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކަނބަލުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސްގެ ޗައިނާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ 'އިންވެސްޓް މޯލްޑިވްސް'ގެ ނަމުގައި އެ ގައުމުގައި ބޮޑު އިންވެސްޓްމެންޓުގެ ވިޔަފާރި ފޯރަމެއް ބާއްވައިފައެވެ. އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެއީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އެއް ވިޔަފާރި ފޯރަމެވެ.
މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ވިޔަފާރިއާއި އިގުތިސާދާ ގުޅުންހުރި އެއްބަސްވުންތަކެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފައެވެ.
ރައީސް ޝީގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. ފުރަތަމަ ދެ ދުވަހު ފުޖިއާން ޕްރޮވިންސްގައި ހޭދަކުރެއްވައި ބައެއް ރަސްމީ ބައްދަލުވުންތައް ބޭއްވެވި އެވެ. ބެއިޖިންއަށް ވަޑައިގަތީ ރެއެވެ.