މި އަހަރުގެ 'ބަންޑާރަ ކަޕް'ގައި ބައިވެރިވާން ހުޅުވާލައިފި

ބަންޑާރަ ކްލަބުން ބާއްވާ ފުޓްސަލަ މުބާރާތް: މި އަހަރުގެ މުބާރާތުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލާފައި -- ފޮޓޯ/ބަންޑާރަނައިބުގެ އޮފީސް

ބަންޑާރަނައިބުގެ އޮފީހުގެ ރިކްރިއޭޝަން ކްލަބު، ބަންޑާރަ ކްލަބުން ބާއްވާ ފުޓްސަލަ މުބާރާތް 'ބަންޑާރަ ކަޕް 2024'ގައި ބައިވެރިވާން ރަޖިސްޓްރީކުރަން ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ ދައުލަތުގެ މުއައްސަސާތަކާއި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ތަންތަނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

އަންނަ މަހު 15 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި، ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ މެޗުތައް ވެސް ކުރިއަށްދާނެމަށް އެ އޮފީހުން މައުލޫމާތު ދިނެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ހިމެނޭ ދައުލަތުގެ އިދާރާތަކުގެ ޓީމުތަކާއި، ލޯ ފާމްތަކާއި ވަކިވަކި ޤާނޫނީ ވަކީލުން ބައިވެރިވެގެން އެކުލަވާލާ ޓީމުތަކުގެ އިތުރުން ބަންޑާރަ ކްލަބުން ދައުވަތުދޭ އިދާރާތަކުގެ ޓީމުތަކަށެވެ.

މީގެ އިތުރުން، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ހިމެނޭ ދައުލަތުގެ އިދާރާއެއް، އެހެން އިދާރާއަކާ އެކުނުވެ މުބާރާތުގައި ބައިވެރިވާނަމަ، އެ އިދާރާއެއްގެ މުވައްޒަފެއްގެ ގޮތުގައި ނުހިމެނޭ އެއް ކުޅުންތެރިޔަކު ޓީމުގައި ހިމެނޭ ގޮތަށް މިއަހަރުގެ މުބާރާތުގެ ގަވާއިދު ވަނީ އިސްލާހުކޮށްފަައި ކަމަށް އެ އޮފީހުން ބުންޏެވެ. އެހެންނަމަވެސް، އެފަދައިން ހިމަނާ ކުޅުންތެރިޔަކީ، މުބާރާތުގެ ކަޓް-އޮފް ޑޭޓްއިން ފެށިގެން، ޤާނޫނީ ވަކީލަކަށް ވާންޖެހޭނެ ކަމަށް ބުންޏެވެ.

ބަންޑާރަ ކްލަބުން ބާއްވާ ފުޓްސަލަ މުބާރާތް-- ފޮޓޯ/ބަންޑާރަނައިބުގެ އޮފީސް.

ބާ ކައުންސިލުން އެކުލަވާލާ ޓީމުތަކުގެ ޓީމު ލިސްޓުގައި ހިމަނާ ކުޅުންތެރިންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި ކުޅުންތެރިންނަކީ، މުބާރާތުގެ ކަޓް-އޮފް ޑޭޓްއިން ފެށިގެން، ޤާނޫނީ ވަކީލުން ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އެގޮތުން މި އަހަރުގެ ބަންޑާރަ ކަޕް ގެ މުހިއްމު ތާރީޚް ތަކަކީ:

· 01 ފެބްރުއަރީ: ކަޓް-އޮފް ތާރީޚް

· 04 ފެބްރުއަރީ: ޓީމް ލިސްޓުތައް ފޮނުވުމުގެ ސުންގަޑި

· 05 – 07 ފެބްރުއަރީ: ޓީމް ލިސްޓުތަކަށް ޝަކުވާ ހުށަހެޅުން

· 08 ފެބްރުއަރީ: މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ގުރުނެގުން

· 15 ފެބްރުއަރީ: މުބާރާތް ފެށުން.

މިއީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ވާދަވެރި މާޙައުލެއްގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމަށް އެ އޮފީހުން ބުންޏެވެ. މިއީ، 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

comment ކޮމެންޓް