ޖުވެނައިލް ކޯޓުގެ ވެބްސައިޓް މިއަދު ހެކްކޮށް، އިންޒާރު ދީފިއެވެ.
ޖުވެނައިލް ކޯޓުގެ ވެބްސައިޓަށް ވަނުމުން މިހާރު ފެންނަނީ އިންޑިއާގެ ދިދައާ އެކު ލިޔެފައިވާ އިންޒާރުގެ ލިޔުމެކެވެ.
އޭގައި ވާގޮތުން ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފައި ވަނީ އިންޑިއާގެ 'ޓީމް ނެޓްވޯކް9' ކިޔާ ބައެކެވެ. އަދި އެ ވެބްސައިޓް ހެކްކުރީ މި ފަހުން ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފް، މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު އިންޑިއާއާ ގުޅުވައި ދައްކާފައިވާ ވާހަކައިގެ ސަބަބުން ކަމަށް އެ ލިޔުމުގައި ވެއެވެ. އޭގައި ވާގޮތުން އެ އަމަލަކީ ލަދުވެތި އަމަލެއްގެ އިތުރުން އެކަމުގެ ސަބަބުން އިންޑިއާއާއި އެހެން ގައުމުތަކާމެދު އޮންނަ ގުޅުމަށް ބުރޫ އަރާނެއެވެ.
އެ ލިޔުމުގައި އިންޑިއާއިން ރާއްޖެއަށް އަބަދު ވެސް ދެމުން އަންނަ އެހީތެރިކަން ވަނީ ހަނދާންކޮށްދީފައެވެ. އަދި، އިންޑިއާއަށް ކުޑައިމީސްކޮށް ވާހަކައެއް ދެއްކުމަކީ ހިތާމަކުރާ ކަމެއްކަމަށް ލިޔެފައިވެއެވެ.
ލިޔުމުގައި ވަނީ އެއީ އިންޒާރެއް ކަމަށާއި ނަފުރަތު އުފެއްދުމަށް ރާއްޖެއިން ދައްކާ ވާހަކަތައް އެ ގައުމުން ބަލައި ނުގަންނާނެކަ މަށެވެ. އަދި، ރާއްޖޭގެ ސައިބާ ސްޕޭސްއަށް އަސަރު ކުރާނޭފަދަ ފިޔަވަޅުތައް އެ ގައުމަށް އެޅޭނެ ކަމަށާއި އެދެނީ ދެ ގައުމުން ވެސް ދެ ގައުމުގެ ސަގާފަތަށް އިހުތިރާމުކޮށް، ސުލްހަމަސަލަސްކަން ގާއިމުކުރަން ކަމަށެވެ.
ނަމަވެސް، ރާއްޖެއިން އެފަދަ އަމަލެއް ތަކުރާކުކޮށްފި ނަމަ ފިޔަވަޅުއަޅަން ފަހަތަށް ނުޖެހޭނެ ކަމަށް އެ އިންޒާރުގައި ވެއެވެ.
މި މައްސަލަ ފެށުނީ، އިންޑިއާއިން އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާ އެކު، މީސްމީޑިއާގައި ބައެއް ދިވެހީންނާއި އިންޑިއާ މީހުން އަރައިރުންވާން ފެށުމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ މޯދީއަށް ފުރައްސާރަކޮށް އެކްސްގައި ވާހަކަދައްކަވާފައެވެ.
މި މައްސަލައިގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދު ވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ.
އިންޑިއާއާ ރާއްޖޭގެ ގުޅުން ގޯސްވެފައިވާއިރު، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް އިންޑިއާއިންނެވެ. އެއީ ޖުމްލަ 209،198 ފަތުރުވެރިންނެވެ.