ޕީއެންސީން އިންޑިއާއާ ގުޅުވައި ދޮގު ފަތުރަން މަސައްކަތްކުރި: އީޔޫ ރިޕޯޓު

އިންޑިއާ އައުޓް ކެމްޕޭންގެ ތެރެއިން: އިންތިޚާބު ތެރޭ އިންޑިއާއާ ގުޅުވައި ދޮގު ފަތުރަން މަސައްކަތްކުރި ކަމަށް އިންޑިއާއިން ވަނީ ތުހުމަތުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ޕީޕީއެމް/ޕީއެންސީން އިންޑިއާއާ ގުޅުވައި ދޮގު ވާހަކަ ފަތުރަށް މަސައްކަތްކުރި ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން އިއްޔެ ބުނެފިއެވެ.

އީޔޫގެ ފަރާތުން ރިޔާސީ އިންތިޚާބު އޮބްޒާވްކުރި އޮބްޒާވަރުން އިއްޔެ ވަނީ އިންތިޚާބުގެ އޮބްޒަވޭޝަން ރިޕޯޓު ނެރެފައެވެ. އެ ރިޕޯޓުގައި ބުނާގޮތުގައި ޕީއެންސީން ދޮގު ޚަބަރު ފަތުރަން މަަސައްކަތްކޮށްފައިވަނީ އިންޑިއާގެ ނުފޫޒާމެދު އޮތް ބިރާ ގުޅިގެންނާއި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން އޮތް ކަންބޮޑުވުންތަކުގެ މައްޗަށް ބިނާކޮށެވެ.

މި މައުޟޫތަކާ ގުޅިގެން ދޮގު ޚަބަރު ފަތުރަން މަސައްކަތް ކޮށްފައިވަނީ އޮންލައިންކޮށް ކަމަށް ވެސް އީޔޫއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޕީއެންސީގެ ފަރާތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް އަމާޒުކޮށް ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާ ބައެއް ހާލަތްތައް އީޔޫގެ އޮބްޒާވަރުންނަށް ފާހަގަވެފައިވާކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

ޕީޕީއެމްގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ "އިންޑިއާ އައުޓް"ގެ ނަމުގައި 2020 ވަނަ އަހަރު ޕީޕީއެމްއިން ކެމްޕެއިން ހަރަކާތެއް ފެށިއެވެ. މި ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަށް ގޮވައިލާ ފެށި ކެމްޕެއިންކެވެ. އޭރު ޕީޕީއެމުން ބުނީ ގިނަ އަދަދަކަށް އިންޑިއާ މިލިޓަރީ ސިފައިން ރާއްޖޭގައި ގާއިމުވެ އެބަތިބި ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން: އިންޑިއާއާ ދެކޮޅަށް ދޮގު ޚަބަރު ފެތުރިކަމަށް ވަނީ ތުހުމަތުކޮށްފައި -- ސަން ފޮޓޯ

މި ހަރަކާތް ހުއްޓާލީ 2022ވަނަ އަހަރުގެ އޭޕްރިލް މަހު ރައީސް ޞާލިހް ނެރުއްވި ރިޔާސީ ގަރާރަކުން އެ ކެމްޕޭން ޖިނާއީ ކުށަކަށް ހަދައި އެ މައްސަލައިގައި މުޒާހަރާކުރުން މަނާކުރުމުންނެވެ.

އިންޑިއާ ސިފައިންގެ ވާހަކައަކީ ކެމްޕެއިން ތެރޭގައި ޕީއެންސީން އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައެވެ. އަދި ވެރިކަމުގެ ފުތަރަމަ ދުވަހުން ފެށިގެން އިނޑިއާ ސިފައިން ރާއްޖެއިން ބާލަން މަސައްކަތް ކުރާނެކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އޭރުގެ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދިޔައެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އިންޑިއާ ސިފައިންގެ މައުލޫމާތު މި ސަރުކާރުން ހާމަކުރެއްވިއެވެ. ސަރުކާރުން ބުނިގޮތުގައި ރާއްޖޭގައި ތިބީ 89 ސިފައިންނެވެ. އަދި، އެ މީހުން އަނބުރާ ގެންދަން އިންޑިއާ ސަރުކާރުން މިހާރު އެއްބަސްވެފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.

އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއާ ގާތް ގުޅުމެއް ބިނާކުރިއެވެ. ކެމްޕޭން ދުވަސްވަރު ބޭރުގެ ނޫސްތަކުން ކުރީގެ ރައީސް ޞާލިހް ސިފަކުރެއްވީ "ޕްރޯ އިންޑިއާ" ކެންޑިޑޭޓެއް ގޮތުގައެވެ. އަދި، ރައީސް މުއިއްޒު ސިފަކުރެއްވީ "ޕްރޯ ޗައިނާ" ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެކަމަކު، ރައީސް މުއިއްޒު ވަނީ އެ މަނިކުފާނަކީ 'ޕްރޯ މޯލްޑިވްސް' ބޭފުޅެއް ކަމަށް ވިދާޅުވެ، އެ ތުހުމަތުތަކަށް ރައްދުދެއްވައިފައެވެ.

comment ކޮމެންޓް