4 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޓީބިލް ވިއްކަނީ

ފިނޭންސް މިނިސްޓްރީ-- ފޮޓޯ/ޕީއެސްއެމް

ފިނޭންސް މިނިސްޓްރީއިން ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 4.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއްޔެ ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވައިލި ޓީބިލުތަކުގެ ތެރޭގައި ހިމެނެނީ 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 2.2 ބިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 263.4 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން، 182 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 69 މިލިއަން ރުފިޔާގެ ޓީބިލަކާއި، 364 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ ދެއްކުމަށް 1.7 ބިިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފައެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓު އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައި ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ހަރަދުތަށް ހަމަޖައްސަން ވިއްކާ މި ޓީބިލްތައް ގަންނަ ބައެއް ފަރާތްތަކުގެ ތެރޭގައި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ހިމެނެއެވެ. މީގެ އިތުރުން، އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަންނަ ގޮތަށް ވަނީ ހަމަޖެހެފައެވެ.

ޓީބިލަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒްއެކެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓީބިލާއި ބޮންޑަށް ސަރުކާރުން ދައްކަންޖެހޭ އަދަދު 76 ބިލިއަން ރުފިޔާއަށް އަރައެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ބޭރުގެ ދަރަނި ނަގާފައި އެތެރޭގެ ދަރަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ސަރުކާރުން ވިއްކާ ޓީބިލާއި ބޮންޑެވެ.

comment ކޮމެންޓް