ފަރަންސޭސިވިލާތުގެ އެންމެ ޒުވާން ބޮޑުވަޒީރަކަށް ގެބްރިއަލް އަޓަލް

ފަރްންސޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް އައްޔަންކުރައްވައިފައިވާ ގެބްރިއަލް އަޓަލް -- ފޮޓޯ/އަލްޖަޒީރާ

ފަރަންސޭސިވިލާތުގެ ބޮޑު ވަޒީރަކަށް ގެބްރިއަލް އަޓަލް އައްޔަންކުރައްވައިފިއެވެ.

އުމުރުފުޅުން 34 އަހަރުގެ އަޓަލް އަކީ ފަރަންސޭސިވިލާތުގައި މިހާތަނަށް އައްޔަންކުރި އެންމެ ޒުވާން ބޮޑު ވަޒީރެވެ. ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން އަޓަލް ހުންނެވީ ފަރަންސޭސިވިލާތުގެ ތައުލީމާ ބެހޭ ވަޒީރުގެ މަގާމުގައެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯން, އާ ބޮޑުވަޒީރަކު މި އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އުމުރުން 62 އަހަރުގެ އެލިޒަބަތު ބޯން މަގާމުން އިސްތިއުފާ ދެއްވަން ހުށަހެޅުވުމުން އިއްޔެ އޭނާގެ އިސްތިއުފާ ގަބޫލުފުޅުކުރެއްވުމަށްފަހުގައެވެ.

ފަރަންސޭސިވިލާތުގެ ސިޔާސީ ނިޒާމުގެ ދަށުން ބޮޑުވަޒީރު އައްޔަންކުރައްވާނީ އެ ގައުމުގެ ރައީސެވެ. އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބޮޑުވަޒީރު ޖަވާބުދާރީވާންޖެހެއެވެ. ބޮޑުވަޒީރުކަމުގެ މަގާމާ އެކު އަޓަލް ހަވާލުވެވަޑައިގަންނަވާނީ އެތެރޭގެ އުސޫލުތައް ތަންފީޒުކުރުމާއި، އެންމެ އިގުތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ސަރުކާރުގެ ވަޒީރުންގެ ޓީމް ކޯޑިނޭޓްކުރުމުގެ މަސައްކަތެވެ.

ފަރަންސޭސިވިލާތުގައި ދާދިފަހުން ނެގި ޕޯލަކުން ދައްކާ ގޮތުގައި އަޓަލްއަކީ އެ ގައުމުގައި އެންމެ މަގުބޫލުކަން ލިބިފައިވާ އެއް ސިޔާސީ ބޭފުޅެވެ.

އަޓަލް އާންމުންނަށް ބޮޑަށް ފާހަގަވެގެންދިޔައީ 2019 ވަނަ އަހަރު ކުރިމަތިވި ނުރައްކާތެރި ކޮވިޑް 19 ގެ ދުވަސްވަރު ފަރަންސޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނެއްގެ މަގާމު ފުރުއްވަން ފެއްޓުވުމާ ހަމައިންނެވެ. ސިޔާސީ މައިދާނާއި އަޓަލް ގުޅިވޑައިގަތީ އުމުރުފުޅުން އެންމެ 17 އަހަރުގައެވެ. މާލީ އަދި އިގުތިސާދާ ބެހޭ ވުޒާރާގެ ޖޫނިއާ ވަޒީރަކަށް ހުރުމަށްފަހު ތައުލީމީ ވުޒާރާއާ އަޓަލް ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް