ރާއްޖޭގެ އިރުމަތީގައި ކޮޅިގަނޑެއް؛ ކުރިއަށް އޮތް ތިން ދުވަހު ސަމާލުވާން އެދިއްޖެ

ވިއްސާރަވެ ކަނޑުގަދަވުން: ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިރޭ ބުނެފިއެވެ.

އެކަމާ ގުޅިގެން މެޓް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތުދެމުން މެޓް އޮފީހުން ބުނީ، ރާއްޖޭގެ އިރުމަތީގައި އުފެދިފައި ވަނީ އާދައިގެ ކޮޅިގަނޑެއް ކަމަށެވެ.

ނަމަވެސް އަރަބިކަނޑަށް ހުރަސްކުރާއިރު އެންމެ ބޮޑަށް ވިއްސާރަވެ، ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ތިން ދުވަހު ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ކުރާއިރު ވަރަށް ބޮޑަށް ސަމާލުވުމަށް އެދިފައެވެ.

މެޓް އޮފީހުން ނެރެފައިވާ މޫސުމީ ސަމާލާއެކު ދިވެހި ރެޑް ކްރެސެންޓުން ވެސް ވަނީ މޫސުމަށް ސަމާލުވުމަށް އެދިފައެވެ.

އެގޮތުން ބޯކޮށް ވާރޭވެހި، ވައިގަދަވާ ވަގުތުތަކުގައި ސަމާލުވާނެ ކަންކަން ވަނީ ކިޔައިދީފައެވެ. އޭގެ ތެރޭގައި:

  • މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު މެޓުން ހޯދައި ބެލުން
  • ގަދަވަޔާއެކު އެއްލާލަފާނެ ތަކެތި ހިފަހައްޓައި ރައްކާތެރިކުރުން
  • ފެންބޮޑުވެދާނެ ފަދަ ހާލަތަކަށް، ގެއަށް ފެން ނުވަންނާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
  • ފެންބޮޑުވާނެ ހާލަތަކަށް ތައްޔާރުވެ ކަރަންޓުގެ އާލަތްތައް ފެން ނުޖެހޭފަދަ އުސްތަންތަނަށް ބަދަލުކޮށް ރައްކާތެރިކުރުން އަދި ބޭނުންނުކުރާނަމަ ނިއްވާލުން
  • ފެންބޮޑުވާނެ ހާލަތްތަކަށް ތައްޔާރުވެ ކާބޯތަކެތި ފެން ނުޖެހޭފަދަ އުސްތަންތަނަށް ބަދަލުކޮށް ރައްކާތެރިކުރުން
  • ގޭގެޔާއި އިމާރާތްތަކުގެ ފުރާޅުގެ ހާލަތު ބަލައި، ގަދަވަޔާއެކު އެއްލާނުލާނެ ފަދަ ގޮތަކަށް ހިފަހައްޓައި ރައްކާތެރިކުރުން
  • ކަނޑުދަތުރު ނުކުރުން އަދި ކުރާނަމަ ސަލާމަތީ ކަންކަން ޔަގީންކޮށް، މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން
  • ވައިގަދަ ގަޑިތަކުގައި ވިއްސާރަ ކުޑަ ނުގެންގުޅުން
  • އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވުން (ބްރިޖް، ލިންކްރޯޑް އަދި ކޯސްވޭ)

ރާއްޖެއަށް އިރުވައި މޫސުމުގެ ވިއްސާރަ މިހާރުވެސް އެކި ސަރަޙައްދުތަކަށް އަންނަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފުތާ ތެރޭ މުޅި މާލެއާއި ރާއްޖޭގެ އެކި ރަށްތަކުގައި ވަނީ ފެންބޮޑުވެ އެކި ގެއްލުންތައް ވެފައެވެ.

comment ކޮމެންޓް