އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް މިހާދު

އައިލެންޑް އޭވިއޭޝަން ބޯޑުގެ ޗެއާމަނަކަށް އަލަށް އައްޔަނުކުރި މުހައްމަދު މިހާދު -- ފޮޓޯ/ ޓްރެވެލް ޓްރޭޑް މޯލްޑިވްސް

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ އެންމެ ފަހުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މިހާދު، ޗެއާމަން ކަމަށް މިއަދު އައްޔަންކޮށްފިއެވެ.

މޯލްޑިވިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މިހާދު އެ މަގާމަށް އައްޔަންކޮށްފައިވާކަން ހާމަކޮށް، އޭނާއަށް މަރުހަބާ ކިޔައިފައެވެ.

މީގެ ކުރިން މިހާދު ވަނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން ދާދި ފަހަކާ ޖެހެންދެން އޭނާ އަދާކުރެއްވި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަންކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

މީގެ ކުރިން އޭނާ ވަނީ 2008އިން 2012އަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ.

އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވައިފައެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު މިހާރު އަދާ ކުރައްވަނީ އިބްރާހިމް އިޔާސެވެ.

comment ކޮމެންޓް