ފެމިލީ ޑިވެލޮޕްމަންޓުން އާ ހޮޓްލައިނެއް

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރު ނަންބަރަކީ 1433 --- ފޮޓޯ: އެކްސް، މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ ޑިވެލޮޕްމަންޓް

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރެއް ޤާއިމްކޮށް، އެ ވުޒާރާއަށް ގުޅޭނެ އާ ނަންބަރު 1433 ތަޢާރަފްކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން، ވުޒާރާގެ ޙިދުމަތްތަކަށް އެދި ގުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއި، އަވަސްކަމާ އެކު ޙިދުމަތް ދިނުމަށް ޤާއިމުކޮށްފައިވާ ކޯލްސެންޓަރުގެ ނަންބަރަކީ 1433 އެވެ. އެގޮތުން، 1433 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 01:30 އަށް ގުޅޭނެއެވެ.

މި ނަންބަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެވޭ ހާލަތްތަކުގައި، ވަކި ސިސްޓަމެއްގައި މަޢުލޫމާތު ރައްކާކުރެވި، ތަރުތީބުން، އެފަދަ ކޯލުތަކަށް ކޯލްސެންޓަރުން ޖަވާބުދާރީވަމުން ގެންދާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މިކަމަށްޓަކައި، ކޯލްސެންޓަރުގައި އެންމެ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރެވި، މި ސިސްޓަމުގެ ޒަރީއާއިން ކޮންމެ ކޯލެއް ލޮގު ކުރެވި، ކަމާއިގުޅޭ ފަރާތްތަކާއި މަޢުލޫމާތު ހިއްސާކޮށް އާންމުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެކަމަށް ވުޒާރާއިިން ބުންޏެވެ.

މި ވަގުތު ވެސް، އެ ވުޒާރާގައި، 24 ގަޑިއިރު ގުޅޭ ހެލްޕްލައިންތަކެއް އެކްޓިވޭޓް ކުރެވިފައިވެއެވެ. އެއީ، އިޖުތިމާޢީ ޚިދުމަތްތަކާ ގުޅޭ ހެލްޕްލައިން 1414 އަދި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ހެލްޕްލައިން 1412 އެވެ.

އެ ވުޒާރާގެ އަމާޒާކީ، އަވަސްކަމާއި އިތުބާރާ އެކު އެންމެ ފަސޭހަވާނެ ގޮތަކަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި، ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތަކުގެ ހައްލު ހޯދައި ދިނުންކަމަށް، ނޫސްބަޔާނުގައިވެއެވެ.

މިއަދުން ފެށިގެން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރަށް ގުޅޭނެ މައި ނަންބަރަކީ 1433 އެވެ.

comment ކޮމެންޓް