އަޖޭ އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލު ކުޅޭ ރެއިޑްގެ ދެވަނަ ބައެއް

ބޮލީވުޑް އެކްޓަރު އަޖޭ ދޭވްގަން-- ފޮޓޯ/ ބޮލީވުޑް ހަންގާމާ

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލު ކުޅުނު 2018އިގެ ފިލްމު "ރެއިޑް"ގެ ދެވަނަ ބައެއް އިއުލާނުކޮށް ފިލްމު ރިލީޒް ކުރާ ތާރީޚު ވެސް އިއުލާނު ކޮށްފިއެވެ.

މި ފިލްމަކީ ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ފިލްމެއް ނަމަވެސް ބޮކްސް އޮފީހުގެ 100 ކްރޯރް ކްލަބުން މި ފިލްމަށް ޖާގަ ހޯދުނެވެ.

އަޖޭ ދޭވްގަން އައިއާރްއެސް އޮފިސަރު އަމޭ ޕަޓްނާޔަކްގެ ރޯލުން އެނބުރި އައުމަކީ މި ފިލްމުގެ ދެވަނަ ބަޔަށް އިންތިޒާރު ކުރަމުން އަންނަ މީހުންނަށް ލިބޭނެ ވަރަށް ވެސް އުފާވެރި ޚަބަރެކެވެ. ފިލްމު "ރެއިޑް2" ޑައިރެކްޓް ކުރާނީ ފުރަތަމަ ބައިވެސް ޑައިރެކްޓް ކުރި ރާޖް ކުމާރު ގުޕްތާއެވެ. އަދި، މި ފަހަރުގެ ފިލްމު ވެސް ގެނެސްދޭނީ ޕްރޮޑިއުސަރު ބުޝަން ކުމާރުގެ ޓީ-ސީރީސްއާ ގުޅިގެން ކަމަށް އެ ކުންފުނިން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

މި ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އިއުލާނު ކުރަމުން ޓީ-ސީރީސްއިން ބުނެފައި ވަނީ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 14ވަނަ ދުވަހު ކަމަށެވެ.

އަޖޭ ދޭވްގަން އާއި ބަތަލާ އިލިއާނާ ފިލްމު "ރެއިޑް"ގެ މަންޒަރެއްގައި-- ފޮޓޯ/ ބޮލީވުޑް ހަންގާމާ

އިންކަމް ޓެކްސްއަށް މަކަރު ހަދާ ބޮޑެތި އޮޅުވައިލުންތަކެއް އެ އިދާރާއަށް އޮޅުވައިލާ މީހުން އަތުލައިގަތުމުގެ މަސައްކަތް "ރެއިޑް2"އިން ފެންނާނީ ފުރަތަމަ ބަޔަށް ވުރެ މާ ޝައުޤުވެރި ގޮތަކަށް ކަމަށާއި ފިލްމުގައި ޑްރާމާ އާއި ސަސްޕެންސް ކުރިއަށް ވުރެ ދެ ގުނަ އިތުރުވާނެ ކަމަށް ޓީ-ސީރީސްއިން ވަނީ ބުނެފައެވެ.

ފިލްމު "ރެއިޑް"ގެ ފުރަތަމަ ބައިން އަޖޭ ދޭވްގަންއާ އެކު ބަތަލާ އިލިއާނާ ޑި ކްރޫޒް ފެނިފައިވާ އިރު ދެވަނަ ފިލްމުން އަޖޭއާ އެކު ފެންނާނެ އިތުރު ތަރިންގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. ފިލްމު "ރެއިޑް2"ގެ އިތުރުން އަޖޭ އަންނަނީ ތިން ފިލްމެއްގެ މަސައްކަތް މި އަހަރު ކުރަމުންނެވެ. އޭގެތެރޭގައި ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް3" އަދި ބަތަލާ ތައްބޫއާ އެކު ކުޅޭ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ" ހިމެނެއެވެ.

comment ކޮމެންޓް