ރީތިރަށް ރިސޯޓު ކައިރިން ދަގަނޑު ބޮޔެއް އޮޔާދާތީ، ސަމާލުވާން އެދިއްޖެ

ރީތިރަށް ރިސޯޓު ކައިރިން އިރުދެކުނަށް ދަނގަޑު ބޮޔެއް އޮޔާދަނީ -- ފޮޓޯ/އެމްއެންޑީއެފް

މާލެ އަތޮޅުގައި އޮންނަ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ކައިރީ ކަނޑުމަތިން ދަގަނޑު ބޮޔެއް އޮޔާދާތީވެ އެ ސަރަހައްދުން ކަނޑު ދަތުރާއިރު ސަމާލުވުމަށް އެމްއެންޑީއެފްއިން އެދިއްޖެއެވެ.

އެމްއެންޑީއެފްއިން އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވާގޮތުން ރަތްކުލައިގެ ބޮޔެ އޮޔާދަނީ އެ ރިސޯޓުގެ ހުޅަނގު އުތުރުން އަށް ނޯޓިކަލް މޭލުން އިރުދެކުނާ ވީ ދިމާލަށެވެ.

ރީތިރަށް ރިސޯޓުގެ ހުޅަނގު އުތުރުން ދަނގަޑު ބޮޔެއް އޮޔާ ދާ ސަރަހައްދު -- ފޮޓޯ/އެމްއެންޑީއެފް

އެހެންވެ، އެ ސަރަހައްދުން ދަތުރުކުރާ މީހުން، ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާ މީހުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރިއެވެ.

މި އަހަރު ފެށުނުއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހި، ކަނޑުގަދަވިއެވެ. އެގޮތުން މާލެ ސަރަހައްދުގައި ވެސް ވިއްސާރަވުމުގެ ސަބަބުން ރީނދޫ އެލާޓާއި އޮރެންޖު އިންޒާރު ވެސް މެޓް އޮފީހުން ނެރުނެވެ.

އެ އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް، ނަމަވެސް އެހެން ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

comment ކޮމެންޓް