ކަންގަނާގެ ފިލްމު 'ތެޖަސް' ޒީ5އަށް

ފިލްމު "ތޭޖަސް"ގެ ޕޯސްޓަރެއް-- ފޮޓޯ/ ބޮލީވުޑް ހަންގާމާ

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ސިނަމާގައި އެޅުވި ބަތަލާ ކަންގަނާގެ ފިލްމު "ތޭޖަސް" މިއަދުން ފެށިގެން ޒީ5 މެދުވެރިކޮށް ރިލީޒް ކުރެވިފައިވާކަން އިއުލާނު ކޮށްފިއެވެ.

އާރްއެސްވީޕީ ބެނާގެ ދަށުން އުފެއްދި މި ފިލްމަކީ މަގުބޫލު ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާގެ އުފެއްދުމެކެވެ.

މި ފިލްމު ޒީ5 މެދުވެރިކޮށް ރިލީޒް ކުރުމާ ގުޅިގެން ފިލުމަށް އެއްވެސް އުނިއިތުރެއް ނުވަތަ ބަދަލެއް ގެންނާނަންތޯ ކަންގަނާ ގާތު މީޑިއާ ރިޕޯޓަރުން ވަނީ އަހާފައެވެ. ޖަވާބުގައި ފިލްމުގެ ބަތަލާ ބުނީ އެއްކޮށް މަސައްކަތް ނިމި ބެލުންތެރިންނަށް ގެނެސްދެވިފައިވާ ފިލްމަކަށް އިތުރު ބަދަލެއް ގެނައުމުގެ މާ ބޮޑު މާނައެއް ނެތް ކަމަށެވެ. ފިލުމަށް ކިތަންމެ ބޮޑު ބަދަލެއް ގެނަޔަސް އެ ފިލުމަކީ ރަނގަޅު އުފެއްދުމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ބެލުންތެރިން ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

ފިލުމަށް ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް އުއްމީދަކީ ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ފިލުމަށް އާއްމުންގެ ތަރުހީބުލިބުން ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

ފިލްމު "އިމަޖެންސީ"ގެ ޕޯސްޓަރެއް-- ފޮޓޯ/ ހިންދުސްތާނު ބޮލީވުޑް

ބަތަލާ ކަންގަނާ ރަނާވަތު އެއާފޯސް އޮފިސަރެއްގެ ރޯލު ކުޅެފައިވާ ފިލްމު "ތޭޖަސް"އަކީ ޓެރަރިޒަމްގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. އެއާފޯސް ދާއިރާގައި ޕައިލެޓުންގެ ގޮތުގައި މަސައްކަތް ކުރާ އަންހެނުންގެ ދިރިއުޅުން ދައްކުވައިދޭ މި ފިލްމަށް ކަންގަނާ ތައްޔާރު ކުރުމުގައި އެއާފޯސް ޕައިލެޓުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަން ބަތަލާ ވަނީ ފާހަގަ ކޮށްފައެވެ.

ކަންގަނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "އިމަޖެންސީ"އިންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރަން ނިންމި ފިލުމު ވަނީ ރިލީޒް ކުރާނެ ވަކި ދުވަހެއް އިއުލާނުނުކޮށް ލަސްކުރެވިފައެވެ. މި ފިލްމުގައި ކަންގަނާ ފެންނާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ރޯލްއިންނެވެ.

comment ކޮމެންޓް