ރަނގަޅު މޫޑަކަށް ބޭނުންވަނީ "ގުޑް މޯނިން" މެސެޖެއް!

އާދައިގެ ވަރަށް ކުޑަކުޑަ ކަމަކުން ވެސް މީހާގެ މުޅި ދުވަސް ހަމަޖެހިލައި ނުވަތަ ގޯސްވާ ފަދަ ކަމެއް ވެދާނެއެވެ. އެއިން އެއް ކަމަކީ މެސެޖެކެވެ. ކިތައްމެ އާދައިގެ މެސެޖަކުން ވެސް މުޅި މޫޑު ރަނގަޅުވެ ނުވަތަ މޫޑު ގޯސްވެދާނެކަން އެނގޭ ހެއްޔެވެ؟ މި ފަހަރު މި ކިޔައިދެނީ މޫޑު ރަނގަޅު ކޮށްދޭ މެސެޖެއްގެ ވާހަކައެވެ.

ހެނދުނު ހޭލާއިރު ފޯނަށް "ގުޑް މޯނިން" ޓެކްސްޓެއް އައިސްފައި އޮތުމަކީ މުޅި ދުވަހުގެ މޫޑު ރަނގަޅު ކޮށްލައި ދޭ ކަމެކެވެ. އިސްތާންބުލްއާ މާ ދުރު ނޫން ހިސާބެއްގެ ހުންނަ ސަބަންޗީ ޔުނިވާސިޓީން ކުރިއަށް ގެންދިޔަ ދިރާސާއަކުން ހާމަވެފައިވަނީ ގުޑް މޯނިން ޓެކްސްޓަކީ ވަރަށް ވަރުގަދަ އެއްޗެއް ކަމެވެ.

އެގޮތުން ޑރ. އެސްރާ އަޝީގިލް އިސްވެ ހުރެ ކުރިއަށް ގެންދިޔަ ދިރާސާގައި 60،000 މީހެއްގެ މައުލޫމާތު ވަނީ ނަގައިފައެވެ. މި ދިރާސާއަށް ރިއާޔަތްކޮށް އިނގިރޭސިވިލާތު ޔުނިވާސިޓީ އޮފް ސަސެކްސްގެ ސައިންޓިސްޓުން ވެސް ވަނީ އިނގިރޭސިވިލާތުގައި މިފަދަ ދިރާާސާއެއް ކުރިއަށް ގެންގޮސްފައެވެ. އަދި ނަތީޖާތައް ދިމާވާކަން މި ދިރާސާއިން އެނގުނެވެ.

ހެނދުނު މިފަދަ ޓެކްސްޓެއް ލިބުމަކީ މީހެއްގެ ހިޔާލުގައި ތިމާ ވާކަން އެންމެ ބޮޑަށް ސިފަކޮށްދޭ އެއް ހެކި ކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ. އެހެންވީމާ މިއީ ގަބޫލުކުރަން މާ ދަތި ވާހަކައެއް ނޫނެވެ.

"ކުރީން ރައްޓެހިވެގެން އުޅުނު މީހާ ހަމަ ކޮންމެ ދުވަހަކު ވެސް ފޮނުވާނެ ގުޑް މޯނިން މެސެޖް. އޭނާއަށް މެސެޖެއް ނުފޮނުވިއްޖެޔާ އެނގޭނެ ކަމެއް ގޯސްވީކަން،" 23 އަހަރުގެ ޒުވާނެއް ކިޔައިދިނެވެ.

ނަމަވެސް ގުޑް މޯނިން މެސެޖު ކޮންމެހެން ލިބެންވީ ލޯބިވެރިއެއް ފަރާތުންނެއް ނޫނެވެ. މި މެސެޖަކީ އެކުވެރިއެއް ނުވަތަ ނުދަންނަ މީހެއް ފަރާތުން ކަމަށް ވެސް ވެދާނެއެވެ. މިއީ އެކުވެރިން ވެސް ތިމާ މަތީން ހަނދާން ކުރާކަން ސާބިތުކޮށްދޭ ކަމެކެވެ. މިކަމާ ގުޅިގެން މީހާގެ މޫޑު މުޅި ދުވަހަށް ރަނގަޅުވުމަށް ބާރު އަޅައެވެ.

އެހެންވީމާ މޯނިންގެ މެސެޖު ހޯދަން ކޮންމެހެން ލޯބިވެރިޔަކު ނުވަތަ ބައިވެރިއަކު ހޯދާނެ ކަމެއް ނެތެވެ. އާ އެކުވެރިން ހޯދުމަކީ ވެސް މިކަމަށް ބާރުއަޅަން ކުރެވިދާނެ ކަމެކެވެ.

comment ކޮމެންޓް