ވިލިމާލެ މަގުތައް ހެދުމާއި ނިލަންދޫ އެއާޕޯޓުގެ ސާވޭގެ މަސައްކަތް ހަވާލުކޮށްފި

ފ. ނިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ސާވޭތަކާއި އިއައިއޭ ހެދުމުގެ މަސައްކަތް، މޯލްޑިވްސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރުން ---ސަން ފޮޓޯ: މޫސާ ނަދީމް/ ސަން

ވިލިމާލޭގެ މަގުތައް ހެދުމަށް ބޭނުންވާ ސާވޭތަކާއި އިއައިއޭ ހެދުމުގެ މަސައްކަތާއި ފ. ނިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ސާވޭތަކާއި އިއައިއޭ ހެދުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވިލިމާލޭގެ ސާވޭ ހެދުމުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސި)އާއެވެ. ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ސާވޭގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

އެ މަސައްކަތްތައް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިންފްރާންޓަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އާރުޑީސީއާ ހަވާލުކުރެވުނު ސާވޭތަކާއި އީއައިއޭ މަސައްކަތުގެ ބޭނުމަކީ ވިލިމާލޭގެ މަގުތަކުގެ ހާލަތާއި، މަގު ހެދުމަށް ހިނގާނެ ޚަރަދު ދެނެގަތުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ކޮންޓްރެކްޓުގެ އަގަކީ 1.79 މިލިއަން ރުފިޔާއެވެ.

ވިލިމާލޭގެ މަގުތައް ހެދުމަށް ބޭނުންވާ ސާވޭތަކާއި އިއައިއޭ ހެދުމުގެ މަސައްކަތް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކުރުން --- ފޮޓޯ: މޫސާ ނަދީމް/ ސަން

އެމްޓީސީސީއާ ހަވާލުކުރި ސާވޭތަކާ ގުޅޭގޮތުން މުއްތަލިބު ވިދާޅުވީ، ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމެއްކަމަށެވެ. އަދި، އެތަނަށް ބޭނުން ވާނީ ކިހާ ވަރެއްގެ ވެއްޔެއްތޯ، ކިހާ ވަރެއްގެ ޝޯ ޕްރޮޓަކްޝަނެއްތޯ އެނގޭނީ ދިރާސާތައް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިމާލޭގެ ފެނާއި ކަރަންޓާއި ނަރުދަމާގެ ސާވިސަސް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވިލިމާލޭގައި 5.6 ކިލޯމީޓަރުގެ މަގުތައް ހެދުމަށްޓަކައި ބޭނުންވާ ސާވޭތައް ހެދުމާއި، ޑިީޓެއިލް ޑިޒައިނާއި އިއައިއޭ އަދި ސްޓޯމް ވޮޓާ ޑިޒައިން، މި ހުރިހާ ކަމެއް ހިމެނިގެން މަސައްކަތް ކުރިއަށް ދާނީ. އެހިސާބުން އަޅުގަނޑުމެންނަށް އަމަލީ މަސައްކަތް ފެށިގެން ދާނެ،" މުއްތަލިބު ވިދާޅުވިއެވެ.

އެ މަސައްކަތްތައް އެއްކޮށް ނިންމައި، 120 ދުވަސް ތެރޭގައި މަސައްކަތުގެ ރިޕޯޓާއި ޑިޒައިން އާރުޑީސީ އާއި އެމްޓީސީސީން މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.

comment ކޮމެންޓް