ފޭސްބުކްގެ މޮބައިލް އެޕްގައި ''ލިންކް ހިސްޓްރީ'' ފީޗާ ތަޢާރަފުކޮށްފި

ފޭސްބުކްގެ ފީޗާތަކަށް މިފަހަކަށް އައިސް އަންނަނީ ބަދަލުތަކެއް ގެންނަމުން --

ފޭސްބުކްގެ މޮބައިލް އެޕްލިކޭޝަނުގައި "ލިންކް ހިސްޓްރީ" ސެޓިންއެއް ތައާރަފުކޮށްފިއެވެ.

އެ ފީޗާ ތައާރަފުކުރުމުން، ފާއިތުވި 30 ދުވަހުގެ ތެރޭގައި އެ ޕްލެޓްފޯމްގައި ޒިޔާރަތްކުރި ހުރިހާ ވެބްސައިޓެއް ބެލެން ހުންނާނެއެވެ.

މިހާރު އައިއޯއެސް އާއި އެންޑްރޮއިޑްގައި ވެސް ފޭސްބުކް އެޕްލިކޭޝަނުން ލިބެން ހުރި މި ސެޓިން އަކީ 'އޮޕްޝަނަލް' ސެޓިންއެއް ނަމަވެސް ޑިފޯލްޓްކޮށް އޮން ކުރެއެވެ.

ފޭސްބުކް ބޭނުންކުރާ މީހުންނަށް އިން-އެޕް ޕޮޕްއަޕެއް ލިބެމުން އަންނަ އިރު، ލިންކް ހިސްޓްރީ ފީޗާއާ ބެހޭ ގޮތުން މައުލޫމާތު ދީ، ސެޓިން ޓޯގަލް ކުރުމުގެ ފުރުސަތު ވެސް ލިބެއެވެ.

ލިންކް ހިސްޓްރީ އަކީ އެންމެ ފަހުން ކްލިކްކުރި ހުރިހާ ލިންކަކަށް ފަސޭހަކަމާއެކު ފަހުންވެސް ވަދެލަން ބޭނުންނަމަ ބޭނުންކުރެވިދާނެ މުހިންމު އަދި ފަސޭހަ ފީޗާއެއް ނަމަވެސް ބައެއް ފަރާތްތަކުން ޤަބޫލުކުރާގޮތުގައި މިފީޗާގައި ޕްރައިވެސީގެ މައްސަލަތަކެއް ވެސް އެބަހުއްޓެވެ.

ފޭސްބުކް ސަޕޯޓް ޕޭޖުން ބުނި ގޮތުގައި ލިންކް ހިސްޓްރީ ޓޮގަލް އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަނުގައި މިހާރު އަންނަނީ ދެމުންނެވެ. އައިއޯއެސް އާއި އެންޑްރޮއިޑްގެ ފޭސްބުކް އެޕްލިކޭޝަނުން މިހާރު ލިބެން ހުރި މި ފީޗާ މަޑުމަޑުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ތައާރަފު ކުރަމުންނެވެ.

ފޭސްބުކުން ވެސް ފާހަގަކުރާ ގޮތުގައި އެ ސެޓިންގައި މެސެންޖާގެ ޗެޓްތަކުގައި ޒިޔާރަތް ކުރާ ލިންކްތައް ހިމަނާފައެއް ނުވެއެވެ. ލިންކް ހިސްޓްރީ އޮން ނުވަތަ އޮފް ކުރަން ކޮންމެ ވަގުތަކު ވެސް އިޚްތިޔާރު ކުރެވިދާނެއެވެ.

މި ފީޗާގައި ޕްރައިވެސީ ކަންބޮޑުވުމެއް ހުރިއިރު، ލިންކް ހިސްޓްރީ ޓޮގްލް އާއި އިން-އެޕް ޕޮޕް-އަޕްގެ ސަޕޯޓް ޕޭޖުގައި ވެސް ފޭސްބުކުން ވަނީ އެ ކުންފުނީގެ ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީތަކުގައި ޓާގެޓެޑް އިޝްތިހާރުތައް ފޮނުވުމަށް ސޭވްކޮށްފައިވާ ލިންކުތަކުގެ ލިސްޓު ބޭނުންކުރެވިދާނެ ކަމަށް ބުނެފައެވެ.

"ލިންކް ހިސްޓްރީ އޮން ކުރާއިރު، ފޭސްބުކްގެ މޮބައިލް ބްރައުޒާއިން ލިންކް ހިސްޓްރީގެ މައުލޫމާތު ބޭނުންކޮށްގެން މެޓާ ޓެކްނޮލޮޖީތަކުގައި އިޝްތިހާރުތައް ރަނގަޅު ކުރެވިދާނެކަން ހަނދާންކޮށްދެން،" ސަޕޯޓް ޕޭޖުގައި ބުނެފައިވެއެވެ.

ލިންކް ހިސްޓްރީއަކީ، ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިޝްތިހާރު ފޮނުވުމުގައި މެޓާއަކަށް ބޮޑު ފަސޭހައަކަށް ވާނެއެވެ.

comment ކޮމެންޓް