އެއާޕޯޓާއެކު، ޓޫރިޒަމަށް ތަރައްގީކުރަން ދިގު މުއްދަތަށް މުލިން ބިން ދޫކުރަނީ

މ. މުލި -- ފޮޓޯ: ފޭސްބުކް/ އިމްތިޔާޒް އަފީފް

މ. އަތޮޅު މުލީގައި ތަރައްގީކުރާ މުލީ އެއާޕޯޓު މަޝްރޫއާއެކު، އެ ރަށުގައި ޓޫރިޒަމަށް ތަރައްގީކުރުމަށް ދިގު މުއްދަތަށް ބިން ދޫކުރަން ރަށު ކައުންސިލުން ނިންމައިފިއެވެ.

މުއްޔަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ރަށުގައި މިހާރު ވެސް ސަރުކާރުގެ ގިނަ އިދާރާތައް ގާއިމްކޮށް، ބޭންކިންގެ ޚިދުމަތް ވެސް ލިބެން އެބަހުއްޓެވެ. ހަމައެއާއެކު ރާޅާއެރުމަށް ވެސް ޚާއްސަ ރާޅުގަނޑުތައް އެ ރަށުގައި ވެއެވެ.

ބިން ދޫކުރުމުގެ މަސައްކަތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން މުލީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޝާކިފް ވިދާޅުވީ މިއީ، ރަށް އިގްތިޞާދީ ގޮތުން ކުރިއެރުވުމަށް ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ޚާއްސަކޮށް އެއާޕޯޓު ނިމެން ގާތްވެފައިވާއިރު، އެއާޕޯޓާއެކު ރަށުގައި ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވާނެކަމަށް ގަބޫލުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ޝާކިފް ވިދާޅުވީ ބިން ދޫކުރާނީ ބީް ފްރަންޓުން ކަމަށެވެ. އަދި ދޫކުރާނީ 8،000 އަކަފޫޓުގެ ބޮޑު ހަތަރު ބިން ކަމަށް ވެސް ވިދާޅުވިއެވެ. މި ބިންތައް ދޫކުރަނީ 50 އަހަރުުގެ މުއްދަތަށެވެ.

ބިން ހޯދުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ބިޑުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހު 18ވަނަ ދުވަހުގެ މެންދުރު 13:30 އާ ހަމައަށް އޮންނާނެއެވެ.

ބިޑުކުރުން އޮތީ އަންނަ މަހެވެ. މުލީ ކައުންސިލުންވަނީ އިތުުރު މައުލޫމާތު ހޯދުމަށް 9774475 އާ ގުޅުމަށް އެދިފައެވެ. ނުވަތަ ކައުންސިލްގެ ލޭންޑްލައިން ނަމްބަރަށް ގުޅުމަށް އެދިފައެވެ.

comment ކޮމެންޓް