އިއްޔެގެ ނިޔަލަށް މި އަހަރުގެ މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ މިހާތަނަށް އައިސްފައިވަނީ 107،119 ފަތުރުވެރިންނެވެ. ނަމަވެސް، އެ އަދަދު މި އަހަރު އިތުރުވެފައިވާއިރު، އިއްޔެއާ ހަމައަށް 117،532 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
އެއީ, މިދިޔަ އަހަރާ އަޅާބަލާއިރު، 9.7 އިންސައްތަ ކުރިއެރުމެއް ކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.
އެގޮތުން، މި މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ. އެ ދުވަހު އެކަނި ވެސް 8،174 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޖެނުއަރީ 10 ގައެވެ. އެއީ، 8،090 ފަތުރުވެރިންނެވެ.
ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6،530 ފަތުރުވެރިން ރާއްޖެއަށް އަންނައިރު، 69.6 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށް ކަމަށް ހިސާބުތަކުން ދައްކައެވެ. ގެސްޓުހައުސްތަކަށް 25.4 އިންސައްތަ ފަތުރުވެރިން އައިސްފައިވާއިރު، ހޮޓާތަކާއި ސަފާރީތަކަށް އައީ 2.5 އިންސައްތަ ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން އެކަނި 15،077 ފަތުރުވެރިން އައިސްފައިވާއިރު، ޗާޓުގެ ދެވަނަގައި އޮތް އިޓަލީން ޒިޔާރާތްކުރީ 12،560 ފަތުރުވެރިންނެވެ.
ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެ ގައުމުން 11،560 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން ވަނީ 10،621 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ހިސާބުތަކުން ދައްކާ ގޮތުން، ޖަރުމަނުން އައިސްފައިވަނީ 7،313 ފަތުރުވެރިންނެވެ، އަދި، އިންޑިއާއިން ވަނީ 5،648 ފަތުރުވެރިން އައިސްފައިވެއެވެ.
ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގައި 61،790 ޓޫރިސްޓު ބެޑު އެބަހުއްޓެވެ. އޭގެ 69 ޕަސެންޓަކީ ޓޫރިސްޓު ރިޒޯޓުތަކެވެ.
މިދިޔަ އަހަރު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. ފަތުރުވެރިން ރާއްޖެ އައިސް ހޭދަކުރާ ދުވަސް އިތުރުކުރުމަށްޓަކައި ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.