އަމީނީ މަގުގެ މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިމެނޭނެ: އާރްޑީސީ

އަމީނީ މަގު މަސައްކަތް ކުރަނީ: އަމީނީ މަގު މަސައްކަތް ނިންމުމަށް އިތުރު 50 ދުވަސް ބޭނުންވާ ކަމަށް އާރްޑީސީ ބުނެފި --- ފޮޓޯ: އާރްޑީސީ/އެކްސް

އަމީނީމަގުގެ މަސައްކަތް ކުރިން ޓާގެޓް ކުރިގޮތަށް 50 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފިއެވެ.

އާރްޑީސީގެ މީޑިއާ އޮފިޝަލް އަހްމަދު ފައިރޫޒް މިއަދު "ސަން" އަށް ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ކުރިން ކަނޑައެޅި ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ދާ ކަމަށެވެ.

މީގެ ކުރިން އަމީނީ މަގުގެ މިހާރު ހަދަމުންދާ ބައި އިތުރަށް ފުޅާކޮށް، ސްކޫލް ހުޅުވުމުގެ ކުރިން ހުޅުވުމަށް އެކުންފުނިން މަސައްކަތްކުރަމުންދާ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

މޫސުން ގޯސްވެ، ފެންބޮޑުވުމުގެ ސަބަބުން އަމީނީ މަގުގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވިއެވެ.

އަލުން މަސައްކަތް ފެށި، މިހާރު އަމީނީ މަގުގައި ކުރިއަށްދަނީ ތާރުއެޅުމުގެ ކުރިން އަޅައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތާއި ކޮނެގެން ކުރަންޖެހޭ މަސައްކަތެއްކަމަށް ފައިރޫޒް ވަނީ ވިދާޅުވެފައެވެ.

"މިހާރު އެެއްބައިގައި ކުރިއަށްދަނީ ތާރުގެ ކުރިން އަޅާ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް. އަދި އަނެއް ބައިގައި ކޮނެގެން ކުރަންޖެހޭ މަަސައްކަތެއް،" ފައިރޫޒް ވިދާޅުވިއެވެ.

ވޭތުވެދިޔަ ސަރުކާރުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށި، އަމީނީ މަގުގެ ނުނިމި އޮތް ސެގްމެންޓް ކަމަށްވާ 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް