ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އެކި ސަބަބުތަކާ ހެދި އެކަނިވެރި ދިރިއުޅުމެއްގައި ތިބި ގިނަ ބަޔަކު އަލުން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް ޖެންޑާ އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ފަށައިފިއެވެ.
ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނީ، މި ވަގުތު ވެސް އެ މަރުކަޒުގައި ގިނަ އަދަދެއްގެ ބަލި މީހުން އަދި އާއިލާތަކުން އެކި ސަބަބުތަކާ ހެދި ހަވާލުނުވެފައި ތިބި މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވެފައި ތިބި މީހުން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެކަމަކު، ނިމުނު ޑިސެމްބަރު މަހު އެ މަރުކަޒުގައި ތިބި ހަ މީހަކު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށާއި އަދި، މިހާރު އެ ތަނުގައި ތިބި މީހުންގެ ތެރެއިން 19 މީހުން މި މަހު އާއިލާއާ ހަވާލު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެކަނިވެރި ދިރިއުޅުމުގައި ތިބި މީހުން އާއިލާތަކާ ހަވާލު ކުރުމަށް މިހާރު ވެސް ހޭލުން ތެރިކުރުމުގެ އެކި ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ. އަދި، މިނިސްޓްރީގެ ފަރާތުން ގެދޮރާއި އެހެނިހެން މުދާހުރި ބަލި މީހުންގެ މި ފަދަ ތަކެތި ރައްކާތެރިކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ މީހުން، އާއިލާތަކާ ހަވާލު ކުރުމުގެ ކުރިން މަރުކަޒުގެ ފަރާތުން ބަލި މީހުންނަށް ދޭން ޖެހޭ ހުރިހާ ފަރުވާއެއްދީ އާއިލާތަކަށް އެ މީހުން ބެލޭ ގޮތަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ 1976 ވަނަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ގާއިމުކުރި މަރުކަޒެކެވެ.
އެ މަރުކަޒަކީ ދިވެހި ރައްޔިތުންގެ ތެރެއިން ޖިސްމާނީ ގޮތުންނާއި، ނަފުސާނީގޮތުންނާއި، ސިކުނޑީގެގޮތުން ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ބަލަދުވެރިން ނުވަތަ ބެލެނިވެރިންނަށް ނުވަތަ އެ ނޫން ބަޔަކަށް ވެސް ސަލާމަތާއި ރައްކާތެރިކަމާ އެކު މުޖުތަމައުގައި އެ މީހުން ގެންގުޅެންދަތި މީހުންނާއި، ކުދިން ބަލަހައްޓާ މަރުކަޒެކެވެ.
ހަމައެއާއެކު އެ މަރުކަޒުގައި އުމުރުން ދުވަސްވުމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމާ އެކު މުޖުތަމައުގައި އެކަނި އުޅެން ދަތިވުމުގެ އިތުރުން އެ މީހުންގެ ބަލަދުވެރިއަކު ނުވަތަ ބެލެނިވެރިއަކު ނުވަތަ އަޅާލާނެ ޔާރެއް، އިޔާރެއްނެތުމާ އެކު، ޒަރޫރީކަންކަން އަމިއްލައަށް ފުއްދައިގަތުމަށް ނުކުޅެދިފައިވާ މީހުން ސަލާމަތާއި ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ގާއިމުކުރި މަރުކަޒެކެވެ.
އެ މަރުކަޒަކީ ދައުލަތުގެ ބެލެމުގެދަށުގައި މިފަދަ ފަރާތްތައް މަރުކަޒުކުރެވިގެން ބަލަހައްޓަމުންގެންދާ ހަމައެކަނި މަރުކަޒެވެ.