ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް، ގުރައިދޫ މަރުކަޒުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް

ގުރައިދޫ މަރުކަޒުގައި ދެ އަންހެނަކު ގަހެއް އިންދަނީ: ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް، ގުރައިދޫ މަރުކަޒުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވަނީ ހިންގައިފަ --- ފޮޓޯ/ އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

ކ. ގުރައިދޫ މަރުކަޒުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމަކީ ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދާ ފަރާތްތަކާއި މުވައްޒަފުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ހިންގި ޕްރޮގްރާމެއް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ މަރުކަޒުގައި ފަރުވާ ހޯދާ މީހުންނަށް އިޖުތިމާއީ ހުނަރުތައް ދަސްކޮށްދީ، އިޖުތިމާއީ ކަންކަމަށް ބާރުއަޅައި، މަގުފަހިކޮށްދިނުމަށް ކުރި މަސައްކަތެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ފަރުވާ ހޯދާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް، އެ ވުޒާރާއިން ބުނީ، އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި މިފަދަ ޕްރޮގްރާމުތަކުގައި އެ ފަރާތްތަކުގެ ބައިވެރިވުން މުހިންމު ކަމަަށެވެ.

އޭގެއިތުރުން، މަރުކަޒުގައި ފަރުވާ ހޯދާ ކޮންމެ ފަރާތަކަށް ވެސް އެ މުއްދަތަކީ އުފާވެރި އަދި ހިތްހަމެޖެހޭ ދުވަސްތަކަކަށް ހެދުމަކީ މިގޮތަށް ހިންގާ ޕްރޮގްރާމުތަކުގެ މަގުސަދެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ގަސް އިންދުމުގެ ޕްރޮގްރާމުގައި ވުޒާރާއަށް ގުރައިދޫ ރައްޔިތުންގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމެޖެހިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

comment ކޮމެންޓް