ކ. ގުރައިދޫ މަރުކަޒުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން ހިނގާ ބިނގާވެ އުޅެވޭ 60 އިސްރަށްވެހިންނަށް ބާއްވާ 'އުފާވެރި ރާސްތާ' ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
މި ކަމާއި ގުޅުވައި މައުލޫމާތު ދެމުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒު ކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާއީ ހަރަކާތްތައް ހިމެނޭހެން ފޯރުކޮށްދޭ މައުލޫމާތު ސެޝަންތަކެއް ކަމަށެވެ.
އެގޮތުން، މި ޕްރޮގްރާމްގެ ތެރެއިން އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުން މައުލޫމާތު ދެއްވާއިރު، ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދާ އިސްރަށްވެހިން މުޖުތަމައުއަށް ނެރުމަށް އަހުލުވެރި ކުރުވުމާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އެހީތެރިވުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިއަދު ބޭއްވި ސެޝަންގެ ތެރެއިން: ގުރައިދޫ މަރުކަޒުގައި 'އުފާވެރި ރާސްތާ' ޕްރޮގްރާމް ފަށައިފި ----- ފޮޓޯ/ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
އެ ވުޒާރާއިން ބުނީ، މިއަދުގެ ސެޝަންގައި މައުލޫމާތު ދީފައި ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކޮންމެ ދުވަހަކު ކުރެވޭނެ ކަސްރަތުތަކާއި މިންހެޔޮ ކާނާގެ އިތުރުން ނަފްސާނީކޮށް ދުޅަހެޔޮކޮށް ތިބުމުގައި އަހަންމިއްޔަތުކަން ދޭންވީ ކަންތައްތަކަށް ކަމަށެވެ.
އެ ސެޝަންގައި ނަރުހުންނާއި ސޯޝަލް ވޯކަރުން މައުލޫމާތު ދީފައިވާއިރު، 60 އިސްރަށްވެހިން މިއަދުގެ ސެޝަންގައި ބައިވެރިވެފައި ވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދާ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ދެމެހެއްޓުމަށް އެ ވުޒާރާއިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.