އަޅައިނުލެވި އޮތް ވިލިމާލެ ތަރައްގީ ކޮށްދޭނަން: ހެލްތު މިނިސްޓަރު

ފެބްރުއަރީ 20، 2018: ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް: އޭނާ ވިދާޅުވީ، ވިލިމާލެއަށް މި ސަރުކާރުން އަޅައިލާނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީ ސަރުކާރުތަކުން ވިލިމާލެއަށް އަޅައިނުލާ ކަމަށާއި އެކަން ނިމުމަކަށް ގެންނާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ކަމަށް ސިއްހީ ކަންކަމާ ބެހޭ ވަޒީރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ވިލިމާލެއިން ބަލި މީހުން އުފުލުމުގައި ހުރި ދަތިތައް ހައްލުކުރަން، އެ އަވަށުން މާލެއަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޚަލީލް މިއަދު ވިދާޅުވީ، ވިލިމާލެއާއި މާލެއާ ދޭތެރޭ ބޭނުންކުރާނީ މިހާރު ސީ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ލޯންޗުފަހަރުތަކަށް ވުރެ ބޮޑު، ފެންވަރު ރަނގަޅު، އަދި ޚިދުމަތް ވެސް ފުޅާ ލޯންޗެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، އެންމެ ފުރަތަމަ ވަޒީރުކަމާ ހަވާލުވުމަށް ފަހުގައި ވިލިމާލޭ ހޮސްޕިޓަލުގެ ކަންކަން ބައްލަވައިލައްވަން ކުރި ޒިޔާރަތުގައި ވެސް އެންމެ ބޮޑަށް އަޑުއިވިގެން ދިޔައީ ބަލި މީހުން އުފުލުމުގައި ހުރި ދަތިތަކުގެ ޝަކުވާ ކަމަށެވެ. އެހެންވެ، މިއަދު ފެށުނު ޚިދުމަތާ އެކު އެ ޝަކުވާއަށް ނިމުމެއް އަންނާނެކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

"ޒަމާންތަކެއް ވަންދެން ތި ބޭފުޅުން ކުރައްވަމުން ގެންދެވި ޝަކުވާ، ކުރިން ވެސް އަޅުގަނޑު ދަންނަވާލި ގޮތަށް އަޅައިނުލެވި އޮތް ސަހަރެއް ގޮތުގައި މި އަވަށް އޮތް އޮތުން އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ނިމުމަކަށް އަންނަތަން ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ޚަލީލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިއަދު ދޭ ޚިދުމަތަށް ވުރެ މާދަމާ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.

"މަސައްކަތްކުރަމުން މި ދަނީ ނަތީޖާތަކެއް ތި ބޭފުޅުންނަށް ފޯރުކޮށްދެވޭތޯ. ތިބޭފުޅުން ބޭނުންފުޅުވާ ކަންތައްތަކެއް ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަމުން މި ގެންދަނީ. ތި ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް އަންނަންވީ އަޅުގަނޑުމެން މި ޚިދުމަތް އެބަ ބޭނުންވެއޭ. ތިމަންނަމެން މި ތަނުގައި މިވެނި ދަތިތަކެއް އެބަ ހުއްޓޭ،" ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުމަކީ ތަރައްގީއަށް މުހިއްމު ގުޅުމެއް ކަމަށެވެ. އެހެންވެ، ރައްޔިތުން ސަރުކާރާ އެކު ތިއްބަވައިފި ނަމަ، ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅައިލާ ރައްޔިތުންތަކެއް ދިރިއުޅޭ، ސަރުކާރާ އެއްކޮށް އިރާދަކުރެއްވިއްޔާ ތިބި ރައްޔިތުންތަކެއް ދިރިއުޅޭ ސަހަރެއް ކަމުގައި ހައްދަވައިދެއްވާ،" ވަޒީރު ވިދާޅުވިއެވެ.

ވިލިމާލެއާއި މާލެއާ ދެމެދު ސީ އެމްބިއުލާންސް ބާއްވަން ނިންމާފައި ވަނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ބެލުމުގެ ދަށުންނެވެ.

ވިލިމާލެ ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް، ވަސީލަތްތައް ފުރިހަމަ ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

comment ކޮމެންޓް