ސިޔާމްގެ ބައްޕާފުޅުގެ ޖަނާޒާ އަޞުރަށް ފަހު އިސްލާމީ މަރުކަޒުގައި

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅު، ނ. ކުޑަފަރީ ކާމިނީގޭ މުޙައްމަދު ޤާސިމްގެ ޖަނާޒާ މިއަދުގެ އަޞުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ---

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅު، ނ. ކުޑަފަރީ ކާމިނީގޭ މުޙައްމަދު ޤާސިމްގެ ޖަނާޒާ މިއަދުގެ އަޞުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

މިއަދުގެ ފަތިހުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި އަވަހާރަވީއިރު މުހައްމަދު ޤާސިމްގެ އުމުރުފުޅަކީ 80 އަހަރެވެ.

ގާސިމް ރަށުގައި އުޅުއްވަނިކޮށް އާލަސްކަންފުޅަކަށް ފަރުވާ ދިނުމަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މީގެ ދެ ދުވަސް ކުރިންނެވެ.

ސިޔާމްގެ ބައްޕާފުޅުގެ މޫނު ދެއްކުން މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ. އަދި، އަޞުރު ނަމާދަށް ފަހު ކަށުނަމާދު އޮންނާނެއެވެ.

މުހައްމަދު ޤާސިމްގެ އެއްވެސް ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ވާނަމަ، 30 ދުވަހުގެ ތެރޭގައި ގުޅުއްވައި އެކަން އަންގައިދޭން އާއިލާއިން އެދެއެވެ. ގުޅާނީ:

  • އަހުމަދު ސިޔާމް މުހައްމަދު
  • ހުސައިން ސާލިމް މުހައްމަދު - 7771306
  • ހަސަން އާދިލް - 7782000
  • އަލީ ސިޔާމް - 7711199

ސަންސިޔާމް ގްރޫޕް އޮފް ހޮޓެލްސްގެ ބާނީ ސިޔާމްގެ ބައްޕާފުޅު، ޤާސިމްއަކީ ކުޑަފަރީގެ ކަތީބުކަމާއި ރަށު ސްކޫލުގެ ނާޒިރުކަން ވެސް ކުރައްވާފައިވާ, ރަށާއި އަތޮޅުގެ ރައްޔިތުންގެ އިޙްތިރާމާއި ޤަދަރު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ޤާސިމްގެ އެންމެ ދޮށީ ބޭފުޅަކީ ސިޔާމް މުޙައްމަދެވެ. ސިޔާމްއާ އެއްބަނޑު އެއްބަފާ ހަ ބޭފުޅުން ތިއްބަވައެވެ. އަދި އެހެން ބަނޑަކަށް ލިބުނު ތިން ބޭފުޅުންނާއެކު ޤާސިމްގެ ޖުމްލަ ނުވަ ބޭފުޅުން ތިއްބަވައެވެ.

ސަންސިޔާމް މީޑިއާގެ ބާނީގެ ލޮބުވެތި ބައްޕަ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، ސަން ސިޔާމް މީޑިއާގެ އެންމެހާ މުވައްޒަފުންގެ ނަމުގައި ސިޔާމްއަށާއި ޢާއިލާއަށް އިޙްލާސްތެރި ތަޢުޒިޔާ ދަންނަވަމެވެ. އަދި ބައްޕާފުޅުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

comment ކޮމެންޓް