އާމިރު ޚާން، އާ އަހަރު ފާހަގަކުރީ ސާއިރާއާ އެކު

އެކްޓަރު އާމިރު ޚާން ކުރީގެ ފިލްމީ ތަރި ދިލްޕް ކުމާރުއާ އެކު-- ފޮޓޯ/އިންޓަނެޓް

ބޮލީވުޑްގެ އޭ ލިސްޓު ތަރިން މި ފެށުނު އާ އަހަރު ފާހަގަ ކުރުމަށް ދުނިޔޭގެ މަޝްހޫރު އެކި މަންޒިލްތަކަށް ދަތުރު ކުރިއިރު އެކްޓަރު އާމިރު ޚާން އެކަން ފާހަގަ ކުރީ ވަރަށް ތަފާތު ގޮތަކަށެވެ.

އަބަދު ވެސް އެންމެ ހީނުކުރާ ކަހަލަ އާދަޔާ ޚިލާފު ކަންކަން ކުރުމަށް މަޝްހޫރު އެކްޓަރު ނިމިދިޔަ އަހަރާ އަލްވަދާޢު ކިޔުމަށް ފަހު 2024ވަނަ އަހަރުގެ ފެށުން ފާހަގަ ކުރީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ސާއިރާ ބާނޫއާ އެކުގައެވެ.

ހިންދީ ސިނަމާއަށް ލޯބިކުރާ ގިނަ ބައެއްގެ އިޙްތިރާމާއި ލޯބި ހޯދާފައިވާ ކުރީގެ ބަތަލާ ސާއިރާ ބާނޫގެ އަމިއްލަ އިންސްޓްގްރާމް މެދުވެރިކޮށް ބުނެފައިވަނީ، އާމިރުގެ މަންމަ ޒީނަތު ހުސެއިންއާއި ކުރީގެ އަންހެނުން ކިރަން ރާއޯއާ އެކު އާ އަހަރު ފެށުން ފާހަގަކުރެވުމަކީ ލިބުނު ނުހަނު ބޮޑު އުފަލެއް ކަމުގައެވެ. މިހާރު ހުވަފަތް ވެފައިވާ ކުރީގެ ބަތަލާ ސާއިރާ ބާނޫއާއި ފިރިމީހާ ދިލިޕް ކުމާރަކީ އާމިރު ޚާންގެ އާއިލާއާއި ވަރަށް ގާތް ގުޅުމެއް އޮތް ބައެއް ކަމަށާއި ކުރީގެ ލެޖެންޑު އެކްޓަރު ދިލިޕް ކުމާރު ދުނިޔޭގައި ހުރިއިރު ވެސް އާމިރު ޚާން އަކީ އެ ދެމަފިރިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުވައިދިން އެކްޓަރެއް ކަމަށް ސާއިރާ ބާނުގެ ދިގު ޕޯސްޓުގައި ވަނީ ބުނެފައެވެ.

ހާއްސަކޮށް ދިލިޕް ކުމާރުގެ އޮޓޯބައޮގްރަފީ ނެރުމުގެ މަސައްކަތުގައި އާމިރު ވެދިން އެހީތެރިކަން ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ކަމަށް ސާއިރާ ވަނީ ބުނެފައެވެ. ދިރިއުޅުމުގައި ދުވަސްތައް ފާއިތުވެ ހަޔާތުގެ ޞަފުޙާތައް ފަހަނައަޅައި ދިޔަނަމަވެސް އާމިރު އަބަދު ވެސް ސާއިރާއަށް އެހީތެރިވުމުގައި ދެމިހުރީތީ ކުރީގެ ބަތަލާ ވަނީ އާމިރަށް ޝުކުރު އަދާ ކޮށްފައެވެ.

ބޮލީވުޑް އެކްޓަރު ޝާހް ރުކް ޚާން ކުމާރުގެ ދެމަފިރިންނާ އެކު-- ފޮޓޯ/ އިންޓަނެޓު
އާމިރު ޚާންގެ އިތުރުން އެކްޓަރު ޝާހްރުކް ޚާނަކީ ވެސް ސާއިރާ ބާނޫގެ ދެމަފިރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ އެކްޓަރެކެވެ. ސާއިރާ ބާނޫ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އާމިރު ޚާން އާއި ޝާހްރުކް ޚާނަކީ އަމިއްލަ ދަރިންގެ ދަރަޖަ ދީފައިވާ ދެ ތަރިން ކަމަށެވެ.

ހާއްސަކޮށް ދިލިޕް ކުމާރު ދުނިޔެ ދޫކުރުމާ ގުޅިގެން ސާއިރާ ބާނޫގެ ދިރިއުޅުމަށް އައި އެކަނިވެރިކަމާ އެކު ހިންދީ ސިނަމާގެ ވަރަށް ގިނަ ފިލްމީ ތަރިން ސާއިރާއާ އެކު ވަގުތު ހޭދަކުރުމަށް އިސްކަންދެއެވެ. ސާއިރާ ބާނޫއާ އެކު އާ އަހަރު ފެށުން ފާހަގަ ކުރުމުގެ ގޮތުން އާމިރުގެ އާއިލާއިން ހޭދަކުރި ވަގުތުކޮޅަކީ ވަރަށް އަގު ހުރި ވަގުތުތައް ކަމަށާއި މި ފެށުނު އާ އަހަރާ އެކު އެ އާއިލާއަށް ފާގަތި އުފާވެރި ދުވަސްތަކެއް ލިބުމަށް އެދޭކަމަށް ސާއިރާ ވަނީ ބުނެފައެވެ.

comment ކޮމެންޓް