އެމްކިއުއޭގެ ސީއީއޯއަކަށް ފިޒާނާ

އެމްކިއުއޭގެ ސީއީއޯ އަކަށް އަލަށް އައްޔަނު ކުރެއްވި މަރްޔަމް ފިޒާނާ ރަޝީދާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ-- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ)ގެ ސީއީއޯ އަކަށް, ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ފިޒާނާ ރަޝީދު އައްޔަންކޮށްފިއެވެ.

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފިޒާނާ އެ މަގާމަށް އައްޔަންކޮށްފައިވާތީ އޭނާއަށް މަރުހަބާ ކިޔައިފައެވެ. އަދި މިއަދު ފިޒާނާ ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއެކު އެމްކިއުއޭގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފައި ކަމަށް އެ ޕޯސްޓުގައިވެއެވެ.

ފިޒާނާ ވަނީ މީގެ ކުރިން ވެސް ތައުލީމީ ދާއިރާގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ.

އެމްކިއުއޭގެ ސީއީއޯ އަކަށް އަލަށް އައްޔަނު ކުރެއްވި ފިޒާނާ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މާރިޔާ، އެމްކިއުއޭގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މީގެ ކުރިން އެމްކިއުއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ފިޒާނާ ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންކަން ވެސް ކުރައްވާފައެވެ.

ފިޒާނާއަކީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ދައްތައެވެ.

ފިޒާނާ އެމްކިއުއޭގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން އެ މަގާމު ފުރުއްވީ ޑރ. އަބްދުލް ހައްނާނެވެ.

ދެހާސް ވަނަ އަހަރު، މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑް (އެމްއޭބީ)ގެ ނަމުގައި ފުރަތަމަ އުފެއްދި އެމްކިއުއޭގެ މަގުސަދަކީ ރާއްޖޭގައި ފޯރުކޮށްދޭ މަތީ ތައުލީމާއި ތަމްރީނުގެ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކަށް ހެދުމާއި އެ ޚިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ.

comment ކޮމެންޓް