އައިޖީއެމްއެޗުގައި މެޑިކަލް ޗެކަޕަށް ވަކި ލެބޯޓަރީއެއް ހިމެނޭ ސެކްޝަނެއް

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ސަން އަށް އިންޓަވިއު ދެއްވަނީ: އައިޖީއެމްއެޗުގައި މެޑިކަލް ޗެކަޕް ހެދުމަށް ވަކި ލެބޯޓަރީއެއް ހިމެނޭ ސެކްޝަނެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ މުހައްމަދު މާވީ

އައިޖީއެމްއެޗުގައި މެޑިކަލް ޗެކަޕަށް ވަކި ލެބޯޓަރީއެއް ހިމެނޭ އާ ސެކްޝަނެއް ހަދާނެ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒިނިޔާ ވިދާޅުވީ، މެޑިކަލް ޗެކަޕަށް ޚާއްޞަކޮށް އައިޖީއެމްއެޗުގައި އާ ޑިޕާޓްމަންޓަކާއި، ސެކްޝަނެއް ހަދާއިރު، ވަކި ލެބޯޓްރީ ނިޒާމެއް ހުންނާނެ ކަމަށެވެ. އެގޮތުން އީސީޖީ ނަގަން ވެސް ވަކި ތަނެއް ހަދައި، އެތާ އެތެރެއިން ހުރިހާ ކަމެއް ކުރެވޭ ކަަހަލަ ގޮތަކަށް މެޑިކަލް ޗެކަޕް ހެދުމުގެ މަސައްކަތް ރާވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް ޒީނިޔާ ވިދާޅުވީ މެޑިކަލް ޗެކަޕްގެ ކިއު ސިސްޓަމްވެސް އޮންނާނީ ފަސޭހަ ގޮތަކަށް ކަމަށެވެ.

"އެ ބޭފުޅުންގެ އެހެން ބަލިތަކަށް ނޫނީ ބައްޔެއް ވެގެން ޑޮކްޓަރަށް ދައްކަން ދާ ކިޔޫއާ ތަފާތުވާނެ މި ކިޔޫ [މެޑިކަލް ޗެކަޕްގެ ކިއުތަށް]،" ޒީނިޔާ ވިދާޅުވިއެވެ.

ހަމައެއާއެކު، މާލޭގެ އިތުރުން ހުޅުމާލެ ކްލިނިކާއި، ރާއްޖެތެރޭގެ ހެލްތު ސެންޓަރުތަކުން ވެސް މި ޚިދުމަތް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މެޑިކަލް ޗެކަޕް ފުރިހަމަ ކުރިކަމަށް އާސަންދައިން ބަލަނީ، ޕެކޭޖުގައި ހިމެނޭ ހުރިހާ ޚިދުމަތެއް ލިބިގަތުމުންނެވެ. މެޑިކަލް ޗެކަޕްގެ ނަތީޖާ އެންސްޕާއިން ކަނޑައަޅާ ގޮތެއްގެ މަތިން، ޚިދުމަތްދޭ މަރުކަޒުތަކުން އެ ކުންފުންޏާ ހިއްސާ ކުރާނެއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ވަނީ، މިހާރު އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން އުމުރުފުރާގެ މީހުންނަށް ވެސް އެ ޚިދުމަތް ލިބޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެގޮތުން:

  • އޭޕްރީލް 1 އިން ފެށިގެން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
  • އޭޕްރީލް 1 އިން ފެށިގެން 19 އަހަރުން ދަށުގެ ކުދިންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
  • ޖުލައި 1 އިން ފެށިގެން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ

އާސަންދައިގެ ދަށުން ހިލޭ ކޮންމެ މީހަކަށް ވެސް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭގޮތް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި މެޑިކަލް ޗެކަޕްގެ ޚިދުމަތްތައް އާސަންދަ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކެބިނެޓުން ނިންމީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

comment ކޮމެންޓް