އެއް ބަޔަކު އާމުދަނީ ހޯދުމަށް ހޭބޯނާރައި މަސައްކަތްކުރާއިރު ގޭގެ ޒިންމާ ނަގައިގެން ތިބޭ އަންހެނުންނަކީ ވެސް ހުސް ވަގުތު ނުލިބި ގިނަ ވަގުތު މަސައްކަތުގައި އަވަދިނެތި އުޅޭ މީހުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ކުރާ މަސައްކަތުގެ ގޮތުން ދިމާވާ ތަފާތު އެކި ގޮންޖެހުންތަކާ ހެދި ސްޓްރެސްވާ މީހުންނެވެ.
ވަޒީފާގެ މާޙައުލުގައި އާއްމުކޮށް ދިމާވާ ބައެއް މައްސަލަތައް ނުވަތަ ކަންބޮޑުވުންތަކަކީ ހައްލުކުރަން މަސައްކަތް ކޮށްފިނަމަ ފަސޭހައިން ހައްލެއް ހޯދިދާނެ މައްސަލަތަކެވެ. އަނެއްބައި މައްސަލަތަކަށް ހައްލެއް ހޯދުމަށް ވަގުތު ނެގުމަކީ ބައެއް ފަހަރު އެ ކަމާ ހާސްވެ، ކަންބޮޑުވާން ހުށަހެޅިދާނެ ސަބަބެކެވެ. ވަޒީފާއަކީ ކިތަންމެ ލޯބިން އަދާކުރާ ވަޒީފާއެއް ނަމަވެސް ސްޓްރެސް އެލެމެންޓްސްތައް އެ މާހައުލުގައި ހުރެދާނެކަމަށް ގަބޫލުކުރަންވާނެއެވެ.
އެމެރިކާގައި ކުރި ސާވޭއަކުން ދައްކާ ގޮތުގައި އާއްމުކޮށް އެ ޤައުމުގެ ރައްޔިތުންގެ ދިރިއުޅުމުގައި ސްޓްރެސް އުފެދެން މެދުވެރިވަނީ މަސައްކަތްކުރާ މާހައުލުގައި ދިމާވާ ނުތަނަވަސްކަމާ ހުރެއެވެ.
އާއްމުގޮތެއްގައި ވަޒީފާއެއްގައި އުޅޭ މީހެއްނަމަ އެ މީހަކު ސްޓްރެސްވުމަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭ،
ކުޑަ މުސާރައެއް ލިބުން، ކުރާ މަސައްކަތުގެ އަގު ވަޒަންނުކުރުން، އެއްފަހަރާ މާ ގިނަ މަސައްކަތްކުރަން ޖެހުން، ވަޒީފާގެ ކުރިއެރުމެއް ނުލިބި މާ ބުރަކޮށް މަސައްކަތް ކުރަން ޖެހުން، އެކީގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މާ ގިނައިން ދެބަސްވުން އަދި، އަމިއްލައަށް އަދާކުރާ މަޤާމާ ގުޅޭ މަސައްކަތްތަކަށް މާ ބޮޑު ކޮންޓްރޯލެއް ނުލިބުން ފަދަ ކަންކަން ހިމެނެއެވެ.
މި ހުރިހާ ކަމަކާ ހުރެ ހިތަށާއި ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސްކަން އޮފީސް ދޮރުން ބޭރުވުމާ އެކު ފިލާނެކަމަށް ހީކޮށްފިނަމަ ތިޔަ ކުރެވެނީ ކުށްހީއެކެވެ.
ސަބަބަކީ ގެއަށް ތިޔަ ވަންނަނީ މި ހުރިހާ ކަންތައްތަކުން ސިކުނޑި ފުރާލުމަށް ފަހުއެވެ. މީގެ ސަބަބުން އަމިއްލަ ނަފުސުގެ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު ފޯރަން ފަށައެވެ. އެގޮތުން، ބޮލުގައި ރިހުން، ބަނޑުގައި ރިހުން، ނިދުމަށް އުނދަގޫވުން، ރުޅި ގަދަވުން އަދި ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެއެވެ.
ދިރިއުޅުމުގައި މިހާ ސްޓްރެސްވާ މިންވަރު އިތުރުވާނަމަ އެ ކަމުން ސަލާމަތްވުމަކީ ކޮންމެ މީހަކު ވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމެވެ. މިކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭ ކޮންމެ ދުވަހަކު ވެސް ކުރެވޭ އިހުސާސްތައް ފޮތެއްގައި ލިޔެވިދާނެއެވެ. ސްޓްރެސްވާ ވަގުތު ސިއްހަތަށް ގެއްލުންދޭ ކެއުންތައް ޚިޔާރުކުރުމުގެ ބަދަލުގައި ހަށިގަނޑަށް ލުއިކަމެއް ލިބޭނެ ކެއުމަކަށް އިންސާފުކޮށްލާށެވެ.
އަމިއްލައަށް އުފާވާނެ ކަހަލަ ކަމެއް ކޮށްލުން މިސާލަކަށް އާއިލާގެ މެންބަރުންނާ އެކު ކޮންމެ ވެސް ކަހަލަ ކުޅިވަރެއް ކުޅެވިދާނެއެވެ. އަދި، ގަވާއިދުން ރޭގަނޑުގެ ނިދި ހަމަކުރުމަށް ސަމާލުކަން ދިނުމަކީ ވެސް މުހިއްމު ކަމެކެވެ.