ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމުގެ މަގާމަށް ވާދަކުރުމަށް ކްލަބު އީގަލްސްގެ ސީއީއޯ މުވާފިޒް ހާޝިމް (މުފާ) ހުށަހެޅުއްވި ކްލަބު ވެލެންސިއާގެ ސިޓީއަކީ ފޯޖުކޮށްފައިވާ ސިޓީއެއް ކަމަށްބުނެ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މިހާރުވެސް ހުންނެވި މުވާފިޒް، އެ އިދާރާގެ ރައީސްކަމަށް ކުރިމަތިލެއްވީ ވެލެންސިއާ ހިމެނޭގޮތަށް ހަ ކްލަބެއްގެ ތާއީދާއެކުއެވެ. އޭނާއާ ވާދަކުރެއްވުމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތާރިގު (ޓޮމް) ތިން ކްލަބެއްގެ ތާއީދާއެކު ފޯމު ހުށަހެޅުއްވި އިރު، އޭގެ ތެރޭގައި ވެސް ވެލެންސިއާ ހިމެނުނެވެ.
އެ މައްސަލައިގައި އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީއަށް ވެލެންސިއާގެ އާ ޗެއާމަން އަބްދުﷲ އަޒްމީން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓާކޮށްފައިވާ ކްލަބުގެ ޗެއާމަނަކީ އޭނާ ކަމުން، ކްލަބު ތަމްސީލުކުރުމުގެ ގޮތުން އެހެން އެއްވެސް ފަރާތަކުން ފޮނުވާ ސިޓީއާއި ލިޔެކިޔުންތައް ބަލައިނުގަތުމަށް އެދޭ ކަމަށެވެ.
ކުރިއަށްއޮތް އެފްއޭއެމްގެ އިންތިހާބުގައި ވެލެންސިއާއިން ތާއީދުކުރިކަން އަންގައި, ސިޓީ ދީފައިވާނީ ތާރިގަށް ކަމަށާއި އެގޮތަށް ނިންމާފައިވާނީ ރާއްޖޭގެ ފުޓުބޯޅައިގެ ކުރިއެރުމަށް މަސައްކަތްކުރެއްވޭނެ އެންމެ ގާބިލު ބޭފުޅަކީ ތާރިގު ކަމަށް ގަބޫލުކުރެވޭތީ ކަމަށް އަޒްމީންގެ ސިޓީގައި ވިދާޅުވިއެވެ.
އަޒްމީންގެ ސިޓީގައި ވިދާޅުވީ ދެން ހުށަހަޅާފައިވާ ވެލެންސިއާގެ ސިޓީއަކީ ފޯޖުކޮށްފައިވާ ސިޓީއެއް ކަމަށް ބެލެވޭތީ، އެ މައްސަލަ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރުމަށް ކްލަބުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
އިލެކްޓޯރަލް ކޮމިޓީއަށް އަޒްމީން ފޮނުއްވި ސިޓީއާއެކު، ވެލެންސިއާގެ ޗެއާމަނަކީ އޭނާކަން ސާބިތުކޮށްދިނުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްއިން ދޫކޮށްފައިވާ ލިޔުމާއި، ތާރިގަށް ތާއީދުކުރުމަށް ދީފައިވާ ސައްހަ ސިޓީގެ ކޮޕީ ވެސް ވަނީ ހިމަނައިފައެވެ.
ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަޒްމީން، ވެލެންސިއާގެ ޗެއާމަނަކަށް އައްޔަންކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ރަސްލާން އަދީލް ޖަލީލް އިސްތިއުފާދިނުމާ ގުޅިގެންނެވެ. އޭނާއަކީ އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮއްކޮއެކެވެ.