ސައުތުލައިން ބޯޓު ފަރަށް އަރައި، ފަޅައިގެން ދިޔުމުން ދިޔަވަނީ

ސައުތުލައިން ބޯޓު: އެ ބޯޓު ނިލަންދޫ ފަރަށް އަރައި، ފަޅައިގެން ދިޔުމުން ވަނީ ދިޔަވާން ފަށައިފަ -- ފައިލް ފޮޓޯ/ ފުލުހުން

ސައުތުލައިން ކިޔާ މުދާ އުފުލާ ބޯޓެއް ގއ. ނިލަންދޫ ފަރަށް އަރައި، ފަޅައިގެން ދިޔުމުގެ ސަބަބުން ދިޔަވަމުންދާ ކަމަށް މިރޭ ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، އެ ބޯޓު ފަރަށް އަރާފައި ވަނީ ނިލަންދޫ ނެރުގެ ދެކުނު ފަރާތުންނެވެ.

އެ ބޯޓު ފަރަށް އަރައި ދިޔަވާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 20:15 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެ މައުލޫމާތު ލިބުމާއެކު ގއ. ވިލިނގިލި ޕޮލިސް ލޯންޗު ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިޔަ ކަމަށާއި ބޯޓުގެ ފަޅައިގެން ގޮސްފައިވާ ތަންތަނުގައި ފިލާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް ފުލުހުން ހާމަނުކުރެއެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަން ފުލުހުން ފާހަގަކުރިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ އިރުވައި މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުވެސް ވަނީ ގަދަވެފައެވެ. މިއަދު ރާއްޖޭގެ މެދުތެރެއާއި އުތުރުގެ ސަރަހައްދުތަކަށް މެޓް އޮފީހުން އޮތީ ގިނަ ވަގުތުތަކުގައި ރީނދޫ ސަމާލު ނެރެފައެވެ. އަދި މެންދުރުފަހު، ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓު ވެސް ނެރުނެވެ.

މިވަގުތު މެޓް އޮފީހުން އޮތީ ށ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އެއީ ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށެވެ.

comment ކޮމެންޓް