ޝާރުޖާއާއި ޕާކިސްތާނުގައި އާ އަހަރު ފާހަގަކުރުން މަނާކޮށްފި

އައު އަހަރު ފާހަގަކުރުމުގެ ގޮތުން ދުބާއީގައި މީގެކުރިން ބޭއްވި ބަޑި ބޭހުގެ ކުޅިވަރު. ފޮޓޯ/ޚަލީޖް ޓައިމްސް

ފަލަސްޠީނުގެ ޣައްޒާއަށް ތާއީދުކުރާކަން ހާމަކުރުމަށް އަރަބި އެކުވެރި އިމާރާތް، (ޔޫއޭއީ)ގެ ތިންވަނައަށް އެންމެ ބޮޑު ސްޓޭޓް، ޝާރުޖާ އާއި ޕާކިސްތާނުގައި އާ އަހަރު ފާހަގަނުކުރަން ނިންމައިފިއެވެ.

އާ އަހަރުގެ ފެށުން ފާހަގަކޮށް އުފާ ފާޅުކުރުމުގައި ބައިވެރިވާ މީހުންނާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ޝާރުޖާގެ ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް ޔޫއޭއީގެ އެހެން އެއްވެސް ސަރަހައްދެއްގައި އެފަދަ ނިންމުމެއް ނިންމައިފައެއްނުވެއެވެ.

އެގޮތުން އަބޫދާބީގައި، ޝެއިޚް ޒައިދު ފެސްޓިވަލްގައި ބަޑި ބޭހުގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ދުބާއީގެ މަޝްހޫރު ބުރުޖް ޚަލީފާ ހިމެނޭހެން ދުބާއީގައި ވެސް އައު އަހަރުގެ ފެށުން ކުލަގަދަ ގޮތެއްގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ލުބުނާނުގެ ވެރި ރަށް ބެއިރޫތާއި ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ވެސް އާ އަހަރު ފާހަގަކުރުމުގެ ގޮތުން ބަޑިބޭހުގެ ކުޅިވަރުތައް ކުޅެން ވަނީ ހަމަޖެހިފައެވެ. އެ ގައުމުތަކުގެ އިތުރުން ގަތަރުގައި ވެސް އައު އަހަރު ފާހަގަކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޕާކިސްތާނުގައި ވެސް އާ އަހަރު ފާހަގަކުރުން ވަރަށް ހަރުކަށިކޮށް އޮތީ މަނާކޮށްފައެވެ. އައު އަހަރު ފާހަގަކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށާއި ފަލަސްޠީނުގެ ރައްޔިތުންނާ އެކީގައި ތިބިކަން ދައްކައިދިނުމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އަންވަރު ހައްގުވަނީ އެ ގައުމުގެ ރައްޔިތުންގެ ކިބައިން އެދިފައެވެ.

މީލާދީ އަހަރުގެ ފެށުން ފާހަގަކުރުން ބައެއް ގައުމުތަކުން މަނާކުރަމުން އަންނައިރު "ކައުންޓްޑައުން ޓު ސީޒްފަޔާ" ގެ ނަމުގައި މުޅި ދުނިޔެއަށް ހުޅުވައިލައިގެން ކުރަމުންދާ ކެމްޕޭނުގެ މަގުބޫލުކަން ވެސް އަންނަނީ އިތުރުވަމުންނެވެ.

އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 21،000 އަށްވުރެ ގިނަ ފަލަސްތީނު މީހުންވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް