މުމްބާއީއަށް ޙަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ ހަވާލުކުރުމަށް އިންޑިއާއިން ރަސްމީކޮށް އެދެފި

2008 ވަނަ އަހަރު މުމްބާއީއަށް ހަމަލާދިން ކަމަށް އިންޑިއާ އިން ތުހުމަތުކުރާ ހާފިޛް ސަޢީދު. ފޮޓޯ/ޕާކިސްތާން ޓުޑޭ

ދެހާސް އަށްވަނަ އަހަރު އިންޑިއާގެ މުމްބާއީއަށް ދިން ނުރައްކާތެރި ހަމަލާގެ ތުހުމަތުވާ ހާފިޛް ސައީދު ހަވާލުކުރުމަށް އިންޑިއާއިން ޕާކިސްތާނުގެ ކިބައިން ރަސްމީކޮށް އެދެފިއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި އެ ކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކެއް ވެސް މިހާރު ވަނީ ޕާކިސްތާނަށް ހުށަހަޅައިފައެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ ސައީދު ހަވާލު ކުރުމަށް އެ ވުޒާރާއިން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ. އޭނާ ހަވާލު ކުރަން އަންގައިފައިވަނީ މުމްބާއީގައި ދީފައިވާ ހަމަލާގެ ޝަރީއަތް ހިންގުމަށެވެ.

ޓެރަރިޒަމަށް ޚަރަދުކުރާ ކަމުގެ ކުށް ސާބިތުވެ، މިހާރު ޕާކިސްތާނުގައި ބަންދުގައިހުރި ސައީދަކީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ލަޝްކަރް ތައިބާ (އެލްއީޓީ)ގެ ބާނީއެވެ.

ސައީދުގެ މޭސްތިރިކަމުގެ ދަށުން މުމްބާއީގެ ވިޔަފާރީގެ މަރުކަޒަށް ދިން ހަމަލާގައި 166 މީހުން މަރުވެފައިވާކަމަށް އިންޑިއާ އާއި އެމެރިކާއިން ތުހުމަތު ކުރެއެވެ. އިންޑިއާގެ އިތުރުން އެމެރިކާއިން ވެސް ވަނީ އޭނާ ހައްޔަރުކުރުމަށް އަންގައިފައެވެ.

ނަމަވެސް 2008ވަނަ އަހަރު މުމްބާއީއަށް ދިން ހަމަލާގައި އޭނާގެ އެއްވެސް އަތެއް ނުވާކަމަށް ސައީދު ބުނެއެވެ.

އޭނާ އިންޑިއާއާ ހަވާލު ކުރަން ހުށަހަޅައިފައިވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލު ކުރުމުގެ ރަސްމީ އެއްބަސްވުމެއް އެކުލަވައިލައިފައި ނުވާކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިންޑިއާގެ އިތުރުން ބައެއް އެހެން ގައުމުތަކުން ވެސް ވަނީ ސައީދަކީ ޓެރެރިސްޓެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

comment ކޮމެންޓް