އިންޑިއާގެ ނަންދިގްރާމް އެކްސްޕްރެސްގެ ފަސްޓް އޭސީ ކޯޗެއް އަލަތު ކައިވެނިކުރި ދެމަފިރިއަކަށް “ހަނީމޫން ސުއީޓެއް” ގޮތަށް ޒީނަތްތެރިކުރި މައްސަލައެއްގައި، އެ ވަގުތު ޑިއުޓީގައި ހުރި ޗީފް ޓިކެޓް އިންސްޕެކްޓާ ސަސްޕެންޑުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހު މަހާރާޝްޓްރާގެ ޖާލްނާ ސްޓޭޝަނުގައެވެ. މީސްމީޑިއާގައި އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ރޭލުގެ ކޯޗު އެތެރެވަނީ ފުއްޕާހަމާއި، މަލާއި، އުއްބައްތި އަދި “އައި ލަވް ޔޫ” ލިޔެފައިވާ ބޯޑުތަކުން ޒީނަތްތެރިކޮށްފައެވެ.
ސައުތު ސެންޓްރަލް ރޭލްވޭ (އެސްސީއާރު) އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިކަން ކޮށްފައިވަނީ ދެމަފިރިން އަމިއްލައަށް ފައިސާ ދީގެން ހަމަޖެއްސި ޕްރައިވެޓް ޑެކަރޭޝަން ކުންފުންޏަކުންނެވެ.
އެސްސީއާރުން ފާހަގަކުރި ގޮތުގައި، ރޭލަށް އެރުމުގެ ހުއްދަ ނެތް ބަޔަކު ކޯޗަށް ވަދެ މިފަދަ ކަމެއް ކުރުމަކީ ސަލާމަތީ ގޮތުންނާއި ގަވާއިދުތަކުގެ ގޮތުން ބަލާއިރު ވަރަށް ސީރިއަސް މައްސަލައެކެވެ. މިކަމާ ގުޅިގެން ޗީފް ޓިކެޓް އިންސްޕެކްޓާ ގިރިޝް ކުމާރު ވަގުތުން ސަސްޕެންޑުކޮށް، ޑިޕާޓްމެންޓަލް ތަހުގީގެއް ވަނީ ފަށާފައެވެ. މީގެ އިތުރުން، ހުއްދަ ނެތި ރޭލަށް އެރި މައްސަލައިގައި ޑެކަރޭޓަރުންނާ ދެކޮޅަށް ރޭލްވޭ އެކްޓުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ވީޑިއޯ އާންމުވުމާއެކު މީސްމީޑިއާގައި ގިނަ ބައެއްގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. ބައެއް މީހުން މިއީ ރީތި ހަނދާނެއް ކަމަށް ބުނިއިރު، އަނެއް ބަޔަކު ވަނީ އާންމު ދަތުރުފަތުރުކުރާ ރޭލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ފަދަ ތަކެތި ބޭނުންކޮށްގެން ޒީނަތްތެރިކުރުމުން ސަލާމަތީ ކަންކަމާމެދު ސުވާލު އުފައްދާފައެވެ.
މި މައްސަލައިގެ ތަހުގީގު ނިމުމުން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ރޭލްވޭ އޮތޯރިޓީން ވަނީ ބުނެފައެވެ.