އާމިރު ޚާން ކްލެސިކަލް މިއުޒިކް ދަސްކުރަނީ

އެކްޓަރު އާމިރު ޚާން-- ފޮޓޯ/ ބޮކްސް އޮފީސް ވޯލްޑްވައިޑް

ހިންދީ ސިނަމާގެ އެންމެ ވިސްނުން ތޫނު އަދި އެންމެ ފުރިހަމައަށް ފިލްމީ މަސައްކަތް ނިންމައިލުމުގެ ޝަރަފު ހޯދާފައިވާ އެކްޓަރު އާމިރު ޚާން މުޅިން އާ ހުނަރެއް ދަސްކުރުމުގެ މަސައްކަތް ފަށައިފި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ އާމިރު ޚާން ދާދިފަހުން ކްލެސިކަލް މިއުޒިކް ދަސްކުރުމަށް ޝައުގުވެރިކަން އުފެދި އެ ހުނަރު ދަސްކުރުމުގެ މަރުހަލާ ފަށާފައިވާ ކަމަށެވެ.

ކޮންމެ މަސައްކަތެއް ވެސް ވަރަށް ފަރުވާތެރިކަމާ އެކު ވީ އެންމެ ފުރިހަމައަށް ކުރުމަށް ސަމާލުކަންދޭ އެކްޓަރު ކޮންމެ ދުވަހަކު ވެސް އެއް ގަޑިއިރު މިއުޒިކް ދަސްކުރުމަށް ހޭދަކުރާ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

އަލަށް ދަސްކުރަން ފެށި ހުނަރު ކަމަށްވާ ކްލެސިކް މިއުޒިކް ދަސްކުރުމަށް ކޮންމެ ދުވަހަކު ވެސް ހާއްސަ މިއުޒިކް ޓީޗަރާ އެކު އާމިރު ޚާން ވަގުތު ހޭދަކުރެއެވެ. ދާދި ފަހުން އާމިރު ޚާން ވަނީ އިންޑިއާގެ މަރާތީ ރިޕޯޓަރުންނާ އެކު ކުރިއަށް ދިޔަ ބައްދަލުވުމެއްގައި މަރާތީ ބަހުން ރިޕޯޓަރުންނާ ވާހަކަ ވެސް ދައްކައިފައެވެ. ރިޕޯޓަރުންގެ ގާތުން މަރާތީ ބަސް ދަސްކުރުމަށް ފަހު އެކްޓަރު ބޭނުންވީ އެ މީހުން ވާހަކަ ދައްކާ ބަހުރުވައިން މުއާމަލާތު ކުރުމަށެވެ.

އެކްޓަރު އާމިރު ޚާން މަންމައާ އެކު-- ފޮޓޯ/ އެންޑީ ޓީވީ

ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި އާމިރު ވަނީ އޭނާގެ އަމިއްލަ ނަފުސަށް ވަގުތު ހޯދުމަށާއި އާއިލާގެ މެންބަރުންނާ އެކު ވަގުތު ހޭދަކުރުމުގެ މަގުސަދުގައި ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުހެލި ވެފައެވެ. އެގޮތުން ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންނާ އެކު ވަގުތު ހޭދަކުރުމުގެ އިތުރުން އާމިރު ވަނީ އެކްޓަރުގެ މަންމައަށް ވީހާ ވެސް ގިނަ ވަގުތު ދިނުމަށް އިސްކަންދީފައެވެ. މަންމައާ އެކު ވަގުތު ހޭދަކުރުމުގެ ތެރޭ އާމިރު ވަނީ ވަރަށް މޮޅަށް ކައްކަން ދަސްކޮށްފައި ކަމަށާއި ކުރިން އާއިލާއާ އެކު އަގުހުރި ވަގުތުތަކެއް ހޭދަ ނުކުރެވުނީތީ އެކަމާ ހިތާމަކުރާ ކަމަށް އެކްޓަރު މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.

ފިލްމު ކުޅުމަށް ވުރެ ބޮޑަށް އާމިރު ޚާން މިހާރު އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ އަމިއްލަ ފިލްމު ކުންފުނިން އުފައްދާ ފިލްމު ތަކުގެ ފެންވަރު ރަނގަޅު ކުރުމަށެވެ. އާމިރު އަންނަނީ އެކްޓަރު ސަނީ ޑިއޯލް ލީޑް ރޯލް ކުޅޭ ފިލްމު "ލާހޯރް،1947" ޕްރޮޑިއުސް ކުރުމުގެ އިތުރުން އަލަށް އިއުލާނު ކުރި ފިލްމު "ސިތާރޭ ޒަމީން ޕަރް"ގެ މަސައްކަތް ވެސް ކުރަމުންނެވެ.

comment ކޮމެންޓް