މާލީ މިނިވަންކަން ކުޑަވުމުން އިންތިޚާބު ބާއްވަން ގޮންޖެހުންތައް ދިމާވި: އީސީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ގުނުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މާލީގޮތުން ލިބިފައިވާ މިނިވަންކަން ކުޑަވުމުގެ ސަބަބުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އާންމު އުސޫލުން ކަންކަންކުރުމަށް ދަތިތައް ކުރިމަތިވި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިރޭ ބުނެފިއެވެ.

މިދިިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ކުރިއަށްދިޔަ ގޮތާ ގުޅޭ ގޮތުން އީސީން ނެރުނު ރިޕޯޓުގައިވަނީ، އިންތިޚާބުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި ގަތުމަށް ބަޖެޓު ލިބިފައިވީނަމަވެސް ޚަރަދުކުރުމުގެ ހުއްދަ ނުލިބި ގިނަދުވަސް ހޭދަވި ކަމަށެވެ. އަދި، ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތް ފަދަ ބައެއް ކަންކަމަށް ހުއްދަ ނުލިބުނު ކަމަށާއި އޭގެ ސަބަބުން ވެސް ގޮންޖެހުންތައް ކުރިމަތިވި ކަމަށް އީސީން ބުންޏެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް އީސީން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅި 120 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ އިންތިޚާބު ދެވަނަ ބުރަކަށް ދާނެ ކަމަށް ލަފާކޮށް، ދެ ބުރުގެ ޚަރަދަށް ބަލައިފައެވެ. ނަމަވެސް މަޖިލީހުން ފާސްކުރީ އިންތިޚާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އީސީގެ ރިޕޯޓުގައިވަނީ، އިންތިޚާބުގެ ތެރޭގައި އާއި އިންތިޚާބު ފަށައިގަތުމަށް ވެސް އިތުރު ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ބުނެފައެވެ. އެގޮތުން، މަސައްކަތް ފަށައިގަތުމަށް ކޮމިޝަނަށް ބޭނުންވާ އިމާރާތެއް ނުލިބި ގިނަދުވަސްތަކެއް ހޭދިވިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ އިންތިޚާބުގެ މައި މަރުކަޒެއްގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުންކުރަން ހަމަޖެއްސީ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތުގެ ބައެކެވެ. ނަމަވެސް އެއިމާރާތުން މީހުން ހުސްކުރެވިފައި ނުވާތީ އާއި، އިމާރާތް ލިބުން ލަސްވެއްޖެ ނަމަ އިންތިޚާބަށް ބުރޫ އަރާފާނެ ކަމުގެ ކަންބޮޑުވުން އީސީން މިއަހަރުގެ ކުރީކޮޅު ފާހަގަކުރިއެވެ.

އެހެންވެ، އީސީގެ އެދުމަށް، އިންތިޚާބުގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ބޭނުންކުރަން ސަރުކާރުން ފަހުން ހަމަޖައްސައިދިނެވެ.

މީގެ އިތުރުން އީސީން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، މުސާރާއިގެ އޮނިގަނޑު އަދި ކޮންޓްރެކްޓް މުއްދަތު ކުޑަވުމުން އިންތިޚާބުގެ މަސައްކަތަކަށް ބޭނުންވާ ގާބިލު މުވައްޒަފުން ލިބުން ދަތިވުން ހިމެނެއެވެ. އަދި ބޭނުންވާ ވަރަށް އޮފިޝަލުން ހޯދުމުގައި އާއި، އީސީގެ ދާއިމީ މުވައްޒަފުންގެ އަދަދު މަދުވެ، މުހިންމު މަސައްކަތްތައް ކުރުމަށް ދަތިވުން ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

ހަމައެއާއެކު، ފަންނީ މުވައްޒަފުންގެ ދަތިކަން އިންތިހާއަށް ބޮޑުވި ކަމަށާއި އެއީ އައިޓީ ދާއިރާ ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ އެހެން މުއައްސަސާތަކާ އަޅާބަލާއިރު ކުޑަވުން ކަމުގައި އީސީން ބުންޏެވެ. އަދި އިންތިޚާބާ ދިމާކޮށް އިދާރީ ބަޖެޓަށް ފައިސާ ނުލިބުމުން އެ ކޮމިޝަނުގެ ތަރައްގީއަށް ހުރަސް އެޅި، އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މަޑުޖެހިގެން ދިޔަކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ހަމައެއާއެކު، އިންތިޚާބު ފެށެން ކުޑަތަންވެފައި ވަނިކޮށް ގާނޫނަށް އިސްލާހުތައް ގެނައުންވީ ވެސް އިދާރީގޮތުން މަސައްކަތްތައް ރޭވުމަށް ދަތިވި ކަމަކަށް ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ޖޫން މަހުގެ 21ގައި ގެނައި އިސްލާހެއްގައިވަނީ، ވާދަކުރަން ބޭނުންވާ މީހުން ކެންޑިޑެސީ ހުށަހެޅުމުގެ މުއްދަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކުރުމަށެވެ. އެ އިސްލާހާ އެއްގޮތަށް، ފޯމް ހުށަހަޅާ މުއްދަތު އިތުރު ކޮށްދިނެވެ.

މި އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވީ ސެޕްޓެންބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އިންތިޚާބުގެ ދެވަނަ ބުރު ބޭއްވީ އެ މަހުގެ 30 ގައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓަކު ވާދަކުރިއިރު އެ ބުރުގައި 46 ޕަސެންޓާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރި ހޯއްދެވިއިރު އެ ބުރުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.

ދެވަނަ ބުރުގައި މުއިއްޒު ކާމިޔާބީ ހޯއްދެވީ 54 އިންސައްތަ ވޯޓުންނެވެ. ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ.

comment ކޮމެންޓް