ރިޔާސީ އިންތިޚާބުގެ ދެ ބުރަށް 84 މިލިއަން ރުފިޔާ، ބޮލަކަށް 299 ރުފިޔާ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ތެރެއިން: އީސީން ވަނީ އިންތިޚާބުގެ ދެ ބުރަށް 84 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ބުނެފަ -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު ޝާތިއު އަބްދުﷲ

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެ ބުރަށް ޖުމްލަ 84 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ރިޕޯޓު އީސީން މިރޭ އާންމުކޮށްފައިވާއިރު އެ ރިޕޯޓުގައިވާ ގޮތުން ސެޕްޓެމްބަރު ނުވައެއްގައި ބޭއްވި ފުރަތަމަ ބުރަށް ޖުމްލަ 63 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 51 މިލިއަން ރުފިޔާގެ ރިކަރަންޓް ޚަރަދާއި 12 މިލިއަން ރުފިޔާގެ ކެޕިޓަލް ޚަރަދެވެ.

އެ ބުރުގެ ޚަރަދުން، އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ނިސްބަތުން ބޮލަކަށް ޖެހިފައި ވަނީ 223 ރުފިޔާއެވެ. އެ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282,395 އެވެ. އޭގެ ތެރެއިން އިންތިޚާބުގައި ބައިވެރިވީ 225،486 ނުވަތަ 79.85 ޕަސެންޓް މީހުންނެވެ.

މީގެ ކުރިން އީސީން ވަނީ އެއީ މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން ވޯޓުދިން ފަހަރު ކަމަށް ބުނެފައެވެ.

އީސީގެ ރިޕޯޓުގައިވާ ގޮތުން ސެޕްޓެމްބަރު 30ގައި ބޭއްވި ދެވަނަ ބުރަށް 21.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 21.5 މިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 61،408 ރުފިޔާއެވެ.

އެ ބުރުގެ ޚަރަދުން، އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ ނިސްބަތުން ބޮލަކަށް ޖެހިފައި ވަނީ 76.42 ރުފިޔާއެވެ. އެ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 282,804އަށް އިތުރުވިއެވެ. އޭގެ ތެރެއިން ވޯޓު ދިނީ 246،915 މީހުންނެވެ.

އެ އިންތިޚާބަށް ޖުމްލަ 96.4 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި އޮތްކަން އީސީން ފާހަގަކުރިއެވެ.

މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވީ އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެގޮތުން ޞާލިޙް 39 ޕަސެންޓް ވޯޓު ހޯއްދެވި އިރު ރައީސް 46 ޕަސެންޓް ވޯޓު ހޯއްދެވިއެވެ.

ދެވަނަ ބުރުގައި 109،868 ވޯޓާއެކު ޞާލިޙް 45.96 ވޯޓު ހޯއްދެވިއިރު، ރައީސް މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ 129،159 ވޯޓާއެކު 54.04 ޕަސެންޓް ހޯއްދަވައިގެންނެވެ.

comment ކޮމެންޓް