ބިންހެލުންތައް އައީ 900 ކިލޯމީޓަރު ދުރުން، އަސަރެއް ނުކުރާނެ: މެޓު އޮފީސް

އައްޑޫ: އެ ސަރަހައްދަށް އައި ބިންހެލުން އައީ ވަރަށް ދުރުން ކަމަށާއި އަސަރު ނުކުރާނެ ކަމަށް މެޓު އޮފީހުން ބުނެފި -- ފޮޓޯ/ ޔުނެސްކޯ

ރޭ ބިންހެލުންތައް އައީ އައްޑުއާ 900 ކިލޯމިޓަރު ދުރުން ކަމަށާއި، އޭގެ އެއްވެސް އަސަރެއް ރާއްޖެެއަށް ނުކުރާނެ ކަމަށް މެޓު އޮފީހުން މިއަދު ބުނެފިއެވެ.

'ސަން' އަށް މައުލުމާތު ދެއްވަމުން މެޓު އޮފީހުން ބުނީ މި ބިންހެލުންތަކަކީ އައްޑޫއާ 900 ކިލޯ މީޓަރު ދުރުން އައި ބިންހެލުންތަކެއް ކަމަށެވެ. އަދި، އެއީ އިންޑިއާ ކަނޑުގެ ސަރަހައްދެއް ނަމަވެސް ރާއްޖޭގެ ސަރަހައްދެއް ނޫން ކަމަށް އެ އޮފީހުން ވަނި ބުނެފައެވެ.

ހަތަރު ބިންހެލުމެއް އައިސްފައިވާއިރު، މިއީ އެހާ ގަދައަށް އައި ބިންހެލުންތަކެއް ނޫން ކަންވެސް އެ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.

އެ އޮފީހުން ބުނީ އެންމެ ގަދައަށް އައި ބިންހެލުން ވެސް އައީ 5.5 މެގްނިޓިއުޑްގެ ބާރުމިނެއްގައި ކަމަށެވެ.

މީގެ ސަބަބުން މާ ބޮޑެތި ގެއްލުނަތަކެއް ނުލިބޭނެކަން ވެސް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން މެޓު އޮފީހުން ވަނީ އެކަމަށް ސަމާލުވާން އެދިފައެވެ. އިއްޔެ މެޓު އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ. އަދި، މިދިޔަ އާދީއްތަ ދުވަހު އިރުވައި މޫސުން ފެށުމާ ގުޅިގެން އުތުރާއި މެދުރާއްޖެ ތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވެފައިވާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް