ސައިފާއި އަމްރީތާ ވަކިވުމުން އާއިލާއިން ހިތާމަކުރި

ސައިފް އަލީ ޚާން ކުރީގެ އަންހެނުން އަމްރީތާ ސިންގް އަދި ކައިވެންޏަށް ލިބުނު އިބްރާހީމް އާއި ސާރާ

ބޮލީވުޑްގެ ފިލްމީ ތަރި ސައިފް އަލީ ޚާނާއި ކުރީގެ ބަތަލާ އަމްރީތާ ސިންގްގެ ކައިވެންޏާ ބެހޭ ގިނަ ވާހަކަތަކެއް މި ހަފުތާގެ 'ކޮފީ ވިތު ކަރަން'ގެ އެޕިސޯޑުގައި ދައްކައިފިއެވެ.

ސައިފްގެ މަންމަ އަދި ކުރީގެ ފިލްމީ ތަރި ޝަރުމިލާ ޓޭގޯރްއާ އެކު ބައިވެރިވި މި އެޕިސޯޑުގައި ޝާހީ އާއިލާ ޕަތައުޑީ ދިރިއުޅުމާ ގުޅުންހުރި ގިނަ ވާހަކަތަކެއް ވެސް ވަނީ ހިއްސާކޮށްފައެވެ.

ސައިފާއި އަމްރީތާގެ ކައިވެނިކުރީ ސައިފްގެ ޢުމުރުން 21 އަހަރުގައެވެ. ސައިފާއި އަމްރީތާގެ ކައިވެންޏަކީ ސިއްރުން ކުރެވުނު ކައިވެންޏެއް ކަމަށާއި އެ ޚަބަރު އެންމެ ފުރަތަމަ ވެސް ހިއްސާކުރީ މަންމަ ޝަރުމިލާއާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ކުރީގެ އެންމެ މަގުބޫލު ބަތަލާއިންގެ ތެރޭ ގުނާލެވޭ ޝަރުމީލާ ބުނީ ސައިފާއި އަމްރީތާގެ ލޯބީގެ ގުޅުމުގެ ޚަބަރު އެނގުމުން ސައިފު ގާތު އެހާ އަވަހަށް ކައިވެނި ނުކުރުމަށް ނަސޭހަތްތެރިވި ކަމަށެވެ.

އެހެންނަމަވެސް އޭރު ސައިފް ވަނީ އެއްވެސް މީހެއް ގާތު ނުބުނެ ސިއްރުން ކައިވެނި ކޮށްފައި ކަމަށާއި އެ ޚަބަރު އެނގުމުން ވަރަށް ދެރަވި ކަމަށް ޝަރުމިލާ ވަނީ ބުނެފައެވެ. ކައިވެންޏަށް ފަހު އަމްރީތާއާ ބައްދަލުވުމުން ދެ މީހުންގެ މިޒާޖުގެ އެއްގޮތްކަމާ އެކު ސައިފް އެހާ އުފަލުގައި ހުރިތަން ފެނުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް އާއިލާއަށް ލިބުނު ކަމަށް ކުރީގެ ބަތަލާ ވަނީ ބުނެފައެވެ.

ސައިފް އަލީ ޚާން މިހާރުގެ އަންހެނުން ބަތަލާ ކަރީނާ ކަޕޫރާ އެކު
އަމްރީތާއާ ސައިފްގެ ވަކިވުމާ ގުޅިގެން އާއިލާއިން އެކަމާ ވަރަށް ހިތާމަކުރި ކަމަށާއި ދިގު މުއްދަތަކަށް އެކީގައި އުޅެމުން އައި ދެ މީހެއްގެ ވަކިވުމަކީ ފަސޭހަ ނިންމުމަކަށް ނުވާނެނކަމަށް ޝަރުމީލާ ވަނީ ބުނެފައެވެ. ވަކިން ހާއްސަކޮށް މާމާ ކުދިން ސާރާއާއި އިބްރާހީމާ ވަކިން އުޅެން ޖެހުމުން ވަރަށް ދެރަވި ކަމަށާއި ސައިފްގެ ބައްޕަ މަންސޫރު އަލީ ޚާން ހާއްސަކޮށް ވަރަށް ހިތާމަކުރި ކަމަށް ކުރީގެ ބަތަލާ ވަނީ ބުނެފައެވެ.

އަމްރީތާއާއި ސައިފްގެ ވަކިވުމާ ގުޅިގެން ސައިފްގެ ބައްޕައަށް ކާފަ ކުދިންނާނއެކު ބޭނުންވި ވަރަށް ވަގުތު ހޭދަ ނުކުރެވޭ ކަމަށާއި އެހެންނަމަވެސް ހުރިހާ އެންމެންގެ ދިރިއުޅުން ވެސް ފަހުން ހަމައަކަށް އެޅުނު ކަމަށް ކުރީގެ ބަތަލާ ވަނީ ބުނެފައެވެ.

އަމްރީތާއާއި ސައިފްގެ ކައިވެނި ރޫޅުނު ނަމަވެސް ސައިފް އަމްރީތާއަށް ވަރަށް އިހުތިރާމް ކުރާ ކަމަށާއި ސާރާއާއި އިބްރާހީމްގެ ކަންކަމުގައި މަޝްވަރާ ކުރާތީ އެކަމާ ވަރަށް އުފާވާ ކަމަށް ޝަރުމިލާ ވަނީ މި ޝޯވްގައި ބުނެފައެވެ. ސައިފްގެ ފުރަތަމަ ކައިވެންޏަށް ފަހު ދެވަނަ ކައިވެނި ކުރެވުނީ ބަތަލާ ކަރީނާ ކަޕޫރާ އެކު 2012ވަނަ އަހަރުއެވެ. މި ކައިވެންޏަށް ދެ ފިރިހެން ކުދިން ވަނީ ލިބިފައެވެ.

comment ކޮމެންޓް