'ހޯމް އެލޯން2' މި ފަހަރު ހަޤީޤަތަކަށް

ސްޕިރިޓް އެއާލައިން އަދި ފިލްމު 'ހޯމް އެލޯން2'ގެ އެކްޓަރު-- ފޮޓޯ/ އިންޓަނެޓް

މި އަހަރުގެ ކްރިސްމަސް ޗުއްޓީއަށް މާމައަށް ޒިޔާރަތްކުރަން ދަތުރުކުރި ހަ އަހަރުގެ ކުއްޖަކު އެމެރިކާގެ ބަޖެޓު އެއާލައިނަކުން އޮޅިގެން އެހެން ފްލައިޓަކަށް އަރުވައިފިއެވެ.

އެމެރިކާގެ ބަޖެޓް އެއާލައިން ސްޕިރިޓްގެ ޓީމު މެންބަރުންގެ ބެލުމުގެ ދަށުން އެމެރިކާގެ ފޮލްރިޑާއަށް ހަ އަހަރުގެ ކެސްޕާ ދަތުރުކުރީ އެމެރިކާގެ ޕެންސިލްވޭނިއާގެ ފިލަޑެލްޕިއާ އިންނެވެ. ނަމަވެސް ސްޕިރިޓް އެއާލައިންގެ ޓީމުގެ މެންބަރުންނަށް ވެސް ނޭނގި ކެސްޕާގެ މަންޒިލަކަށްވީ އޮލާންޑޯ އެއާޕޯޓެވެ.

ފޯޓް މަޔަސްގެ އިރު އުތުރުން ގާތްގަނޑަކަށް 160މޭލު ދުރުގައި އޮންނަ އޯލަންޑޯ އެއަޕޯޓަށް ފޭބުމާ އެކު ފޮލްރިޑާ އެއާޕޯޓުގައި ހުރި ކެސްޕާގެ މާމައަށް ގުޅުމުގެ ފުރުސަތު ލިބުނެވެ. މާމަ ދަރިފުޅު ކެސްޕާގެ ލަގެޖްތައް އައި ނަމަވެސް ފްލޮރިޑާ އެއާޕޯޓުގައި ހުރި އޭނާގެ މާމައަށް ކެސްޕާ ނުފެނުމުން އެކަމާ ކަންބޮޑުވެ ހާސްވި ކަމަށާއި ކެސްޕާ އެހެން ފްލައިޓަކަށް ބަދަލުވިކަން ސްޕްރިޓް އެއާލައިންގެ އެއްވެސް މުވައްޒަފަކަށް ނޭނގޭ ކަމަށް ކެސްޕާގެ މާމަ ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

ފަހުން ސްޕްރިޓް އެއާލައިނުން އޮލާންޑޯގައި ހުރި ކެސްޕާ ބަލައި ދިއުމަށް މާމައަށް ހުށަހެޅި ކަމަށާއި ސްޕްރިޓް އެއާލައިނުން ދަތުރުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސައިދޭނެ ކަމަށް އެދުނުކަމަށް އެ މާމަ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކެސްޕާގެ މާމަ ބޭނުންވީ ސްޕްރިޓް އެއާލައިންގެ މުވައްޒަފުންގެ ބެލުމުގެ ދަށުން ދަތުރު ކުރި ތުއްތު ކުއްޖަކު އެހެން އެއާލައިނަކުން ބީރައްޓެހި ސިޓީއަކަށް ދަތުރު ކުރެވުނު ގޮތް ހޯދަން ކަމަށާއި އެކަމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ ސުވާލުކުރި ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ސްޕްރިޓް އެއާލައިނުން ބުނެފައިވަނީ ދަތުރުގެ ހުރިހާ ވަގުތެއްގައި ވެސް ކެސްޕާ ހުރީ ފްލައިޓް އެޓެންޑެންޓުންގެ ބެލުމުގެ ދަށުގައި ކަމަށާއި ހަ އަހަރުގެ ކެސްޕާ މަތިންދާ ބޯޓުގައި ނެތްކަން އެނގުމާ އެކު އާއިލާއަށް އެކަން އަންގާފައިވާނެ ކަމަށެވެ.

'ހޯމް އެލޯން2'ގެ ޕޯސްޓަރެއް-- ފޮޓޯ/ އިންޓަނެޓް

ސްޕިރިޓް އެއާލައިނުން އެ ހާދިސާ ހިނގިގޮތް ބަލަމުން އަންނަ ކަމަށާއި އައިލާގެ ކިބައިން އެ ކަމަށް މައާފަށް އެދިފައިވާނެ ކަމަށް ވެސް ސްޕިރިޓް އެއާލައިނުން ނޫސްތަކަށް ވަނީ މައުލޫމާތު ދީފައެވެ.

ގިނަ ބައެއްގެ ސަމާލުކަން މި ހާދިސާއަށް ލިބުނީ 1992ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމު "ހޯމް އެލޯން2: ލޮސްޓް އިން ނިއު ޔޯކް"އާ މި ހާދިސާއާ ގުޅުންހުރި ކަމަށް ގިނަ ބަޔަކު ބުނުމުންނެވެ. ޑައިރެކްޓަރު ކްރިސް ކޮލަމްބަސްގެ "ހޯމް އެލޯން2: ލޮސްޓް އިން ނިއު ޔޯކް" ވެސް ބިނާކޮށްފައި ވަނީ އެއާޕޯޓުގައި އާއިލާއާ ވަކިވެ ދަތުރުކުރި މަންޒިލް ނޫން އެހެން މަންޒިލަކަށް ދެވޭ ކުޑަ ކުއްޖަކަށް ދިމައިވާ ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށެވެ.

comment ކޮމެންޓް