އަނިޔާއަށްފަހު ހާލަންޑް އަދި ތައްޔާރެއް ނޫން: ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް އެނބުރި ކުޅުމަށް އައުމަށް އަދި މުޅިން ތައްޔާރު ނޫން ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ފައިތިލައަށް ލިބުނު އަނިޔާއަކާ ގުޅިގެން މިމަހުގެ ހަވަނަ ދުވަހަށްފަހު، ހާލަންޑަށް ވަނީ ސިޓީން ކުޅުނު ތިން ޕްރިމިއާ ލީގު މެޗާއި ކްލަބު ވޯލްޑް ކަޕް ވެސް ގެއްލިފައެވެ. ހާލަންޑް އެނބުރި ކުޅުމަށް އަންނާނެ ދުވަހަކަށް ސަޕޯޓަރުން އިންތިޒާރުތަކެއް ކުރަމުންދާ އިރު، އަދިވެސް އެކަމަށް ކުޑަ އިންތިޒާރެއް ކުރަން ޖެހޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

"އަދިވެސް ހާލަންޑް ހުރީ ޓީމާއެކުގައެއް ނޫން. ކަށިގަނޑު މިހާރު ރަނގަޅު، އެކަމަކު އަދި އޭނާ ޓީމުގެ ޓްރެއިނިންތަކުގައި ބައިވެރިވާން ފަށައިފައެއް ނުވޭ. އެހެންވީމާ އޭނާ އަދި ތައްޔާރެއް ނޫން. އުންމީދުކުރެވެނީ ދެން އޭނާއަށް ކުޅުމަށް އެނބުރި އާދެވޭނީ ޖެނުއަރީގައި ކަމަށް،" 'އެމަޒޯން ޕްރައިމް'އަށް ދިން އިންޓަވިއުއެއްގައި ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.

މިސީޒަނުގައި ސިޓީއަށް 22 މެޗުން 19 ގޯލު ކާމިޔާބުކޮށްދީފައިވާ ހާލަންޑާ ނުލައި ވެސް ސިޓީގެ ނަތީޖާތައް ގޯހެއް ނޫނެވެ. ސިޓީން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗަކުން މޮޅުވެ، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ މިވަގުތު އޮތީ ކުޅުނު 18 މެޗުން ލިބުނު 37 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ސިޓީ އާއި އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނަމަވެސް ލިވަޕޫލުން ވަނީ ސިޓީއަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.

comment ކޮމެންޓް