އެ ދެމީހުން ތިބީ އާދަޔާ ޚިލާފު ފުން ލޯތްބަކުން ބެނދެވިފައެވެ. އެ މެސެޖުތަކުން ހުރިހާ ކަމެއް ސާފުވިއެވެ. އޮޅުން ފިލިއެވެ. އެންމެ ފަހުން ސަކީނާ ހަސަން (އަސްލު ނަމެއް ނޫން)އަށް އެ ހިތްދަތި މަންޒަރު އަމިއްލަ ލޮލަށް ފެނިއްޖެއެވެ. އަމިއްލަ ގޭގައި ދެމަފިރިން ނިދާ ކޮޓަރީގައި، އެ އެނދުގައެވެ. ފިރިމީހާ އާއި އޭނާގެ އެއް ޖިންސުގެ ލޯބިވެރިޔާގެ މުޑުދާރު ޢަމަލުތައް ފެނި ބަސް ހުއްޓުނެވެ. ހިމޭންވިއެވެ. ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.
ސަކީނާއަށް ހުރިހާ ހަގީގަތެއް އެނގިއްޖެކަން ފިރިމީހާއަށް ކަށަވަރު ހިސާބުން އެ ފެށުނީ އަނިޔާވެރިކަމުގެ އިންތިހާއެވެ. ކުރިން އެނގުމެއް ނެތި ކުއްލިއަކަށް ގެއަށް އައުމާއި ޓަކި ނުޖަހާ ކޮޓަރީގެ ދޮރު ހުޅުވުމަކީ ފިރިމީހާގެ ނަޒަރުގައި ސަކީނާގެ ނުކިޔަމަންތެރިކަމާއި ނޭއްގާނީކަމުގެ އަމަލެކެވެ. ސަކީނާއަށް ބަހެއް ބުނާނެ ފުރުސަތެއް ވެސް ނުދީ ހަޅޭއްލަވަމުން، ސަކީނާގެ ބަނޑުކޮޅުގައި ފިރިމީހާ ކޮޅުފައިން ދެތިން ފަހަރު ޖެހިއެވެ. ސަކީނާ ބިންމައްޗަށް ވެއްޓުނީ ނޭވާ ނުލެވިގެންނެވެ. އެވޭނުގައި ހޭވެސް ނެތި ދިޔައީއެވެ. މެންދަމުން އަލިވި ފަހުން ސަކީނާއަށް ހޭވެރިކަން ވީއިރު އޮތީ ބިންމަތީގައެވެ. މަޑުމަޑުން ފިރުކެމުން ގޮސް ސޯފާގައި އޮށޯވެލިއެވެ. ސިޓިން ރޫމުން އަޑެއް އިވިގެން ފިރިމީހާ ކޮޓަރިން ނުކުމެ، ސަކީނާއާ ދިމާލަށް ބުންޏެވެ.
"ދިރިހުންނަން ބޭނުމިއްޔާ ފެނުނު ކަންތައް ނުފެންނަ ކަމަށް ހަދައިގެން އޮވޭ."
ސަކީނާ އަށް ގިސްލާ ރޮވެން ފެށިއެވެ. އަދި ފަނޑު އަޑަކުން ފިރިމީހާއަށް ނަސޭހަތްތެރިވެވޭތޯ މަސައްކަތްކުރިއެވެ.
"ބުނި ކޮންމެ ކަމަކަށް އަހަރެން ރުހި ގަބޫލުވާނަން. ހެޔޮ ނުވާނެ ތިކަމުން ދުރުވޭ. އާދޭސްކޮށްފައި ބުނަން."
ފިރިމީހާއަށް އެ ވާހަކަތައް ވީ ޒަހަރެއް ފަދަ ބަސްތަކަކަށެވެ. އޭނާގެ ހޭ ބުއްދި ފިލާ ދިޔަ ކަހަލައެވެ. ސޯފާގެ އެއްކޮޅުގައި އޮތް ކުޝަން ނަގައި ސަކީނާގެ މޫނު މަތީގައި އަޅައި ނޭވާ ހާސްކޮށްލިއެވެ؛
"މީތި (ސަކީނާ) ދިރިހުއްޓާ މަށަށް ހަމަޖެހުމެއް ނުލިބޭނެ. މަށަށް އުފަލެއް ލިބޭކަށް ނޭދޭނެ."
ސަކީމާ މަރަށް ތެޅެނީއެވެ. ހާސްވެގެންނެވެ. ދެން ފުރާނަ ހިނގައިދާނެހެން ހީވުމުން ފިރިމީހާ ހަސީނާގެ މޫނުމަތިން ކުޝަން ނަގައި ބިންމަތީގައި ބާރަށް ޖެހުމަށް ފަހު ގޮސް ކޮޓަރީގެ ދޮރު ލައްޕާ ތަޅުލިއެވެ.
އިރު އެރުމުން ސަކީނާ ގެއިން ނިކުމެގެން އޭނާގެ ބޮޑު ބޭބެއެއްގެ ގެއަށް ދިޔައެވެ. އެ ގޭ މީހުންނަށް ހަގީގަތް ކިޔައިދިނުމުން، ސަކީނާގެ ފިރިމީހާގެ އަމަލުތައް ފުލުސް އޮފީހަށް ރިޕޯޓްކުރިއެވެ. ފުލުހުންގެ ތަހުގީގުގައި ފިރިމީހާ އެއްވެސް ކަމަކަށް އެއްބަހެއް ނުވިއެވެ. އެހެންނަމަވެސް އަނބިމީހާއަށް ލިބިފައިވާ އަނިޔާގެ ވާހަކައިން ފުލުހުން ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން "އަނބިން ކިޔަމަން ކުރުމަކީ ފިރިންގެ ވާޖިބެއް" ކަމަށް ބުނެ، އޭނާ އަދާކުރީ ދީނީ ގޮތުން ވާޖިބު ކަމެއް ކަމަށް ދޮގު، ދިގު ބަޔާނެއް ދިނެވެ.
ސަކީނާގެ އާއިލާއިން އަދި އެވަރުން ދޫކޮށެއް ނުލިއެވެ. ލޯޔަރެއް މެދުވެރިކޮށް އާއިލާއާ ބެހޭ ކޯޓަށް ވަރިވާން ފޯމު ލުމުން، ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ސަކީނާގެ ވާހަކަތައް އަޑުއަހައި، ގާޒީ ވަގުތުން ހަސީނާގެ އަނިޔާވެރި ފިރިމީހާގެ ކިބައިން މިނިވަން ކޮށްދިނެވެ. އޭގެ ފަހުން ސަކީނާއަކީ ނަފްސާނީ ބަލި މީހެކެވެ. އުފާވެރިކަމެއް އުޖާލާކަމެއް ނެތް ދިރިއުޅުމެއް އުޅެމުން އަންނަ މެދު އުމުރުގެ އަންހެނެކެވެ. އެއްވެސް ކުށެއް ނެތި، ފިރިމީހާގެ ރަހުމްކުޑަ އަނިޔާތަކާއި މުޑުދާރު އަމަލުތަކުގެ ހަގީގަތް އެނގުމުން ދިރިއުޅުން މަތިން ފޫހިވެފައިވާ އާވާރާއެކެވެ.
މިއީ ގެވެށި އަނިޔާގެ އެންމެ ހާދިސާއެކެވެ. އާއިލީ މައްސަލަތަކުގައި ކޯޓަށްދާ ބައެއް ލޯޔަރުންނާއި ބައެއް ފުލުހުންގެ އިތުރުން ޓީޗަރުންނާއި ކައުންސެލަރުންގެ ތަޖުރިބާއިން ކިޔައިދީފައިވާ ހަގީގީ ބައެއް ވާހަކަތަކާއި ހާދިސާތައް މި ތިލަކޮށްލަނީ މުޅި މުޖުތަމައަށް އިބުރަތަކަށްޓަކައެވެ. ސިޔާސަތު ރާވާ ތަންފީޒުކުރަން ތިބި މީހުންގެ ސަމާލުކަން މި ކަމަށް ފޯކަސްކުރަން މަޖުބޫރުވެފައިވާ މިންވަރު ބުނެދިނުމުގެ ގޮތުންނެވެ. ޔައުމިއްޔާ ކުރެވޭ ފިނި ކޮޓަރީގެ ބައްދަލުވުންތަކަށްވުރެ އަމަލީ މަސައްކަތްތައް ފުޅާކުރަން ޖެހިއްޖެކަން އަންގައިދިނުމުގެ ގޮތުންނެވެ.
އެހެން ހާދިސާއެކެވެ. ތޫނުފިލި ދަރިވަރެއްގެ މިޒާޖު ކުއްލިއަކަށް މަޑުމޮޅިވެ، ކިޔެވުމަށް ސަމާލުކަން ދޭ މިންވަރު ކުޑަވާން ފެށުމުން، ބެލެނިވެރިޔާއާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ލީޑިން ޓީޗަރު ގްރޭޑް ހައެއްގައި ކިޔަވަމުން ގެންދާ އެ އަންހެން ދަރިވަރަށް އެންގިއެވެ. ޖެހިގެން އައި ދުވަހުގެ މެންދުރު ފަހު ސްކޫލަށް އޭނާއައީ އަންހެނަކާއެކީގައެވެ. އެއީ އެ ކުއްޖާގެ މަންމައެވެ.
ލީޑިން ޓީޗަރު އެ އަންހެން މީހާއާ ބައްދަލުކުރީ އެކަހެރި ކޮޓަރިއެއްގައެވެ. ދަރިވަރުގެ މިޒާޖަށް އަންނަމުންދާ ކުއްކި ބަދަލުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. އޭގެ ސަބަބު އޮޅުން ފިލުވަން ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން ކުއްޖާގެ މަންމަ ފެންކަޅިވިތަން ޓީޗަރަށް ފާހަގަކުރެވުނެވެ.
"ދެރަނުވޭ. އަހަރެމެން މިއުޅެނީ ކުއްޖާއަށް އެހީތެރިވާނީ ކިހިނެއްކަން ދެނެގަންނަން ވެގެން. އެއީ ވަރަށް ތޫނުފިލި، އަހުލާގު ރަނގަޅު ކުއްޖެއް. ހުރިހާ ޓީޗަރުންވެސް އެކަން ފާހަގަކުރެވޭ. އެހެންވެ، މިވަނީ ކީއްތޯ އޮޅުން ފިލުވާލަން ބޭނުންވެގެން ބެލެނިވެރިޔާ ގެންނަން ބުނީ ކުއްޖާގެ ކުށެއް އޮވެގެނެއް ނޫން." ލީޑިން ޓީޗަރު ސަބަބު އޮޅުންފިލުވައިދިނެވެ.
މަންމަ ވާހަކަ ދައްކަން ފެށީ އެ ހިސާބުންނެވެ؛ އެއީ އެ ކުއްޖާގެ ބޮޑު ބޭބެގެ "ނުލަފާކަމުން ވާގޮތެއް" ކަމަށް ބުނެ ވަރަށް ހިތްދަތި ހާދިސާތަކެއް ހިއްސާކުރިއެވެ. ދެމަފިރިން ތިބީ ވަރިވެފައެވެ. ކައިވެންޏަށް ލިބިފައިވާ ހަ ކުދިން ބެލެހެއްޓުމުގެ ޒިންމާ އުފުލަނީ އަންހެން މީހާ އެކަނިމާ އެކަންޏެވެ. ހުޅުމާލެއިން ތަނެއް ކުއްޔަށް ހިފައިގެން ކުދިންކޮޅު ގޮވައިގެން އުޅެނީ ވަރަށް ދަތި، ތަދު ދިރިއުޅުމެކެވެ. އެހެން އުޅެނިކޮށް އެންމެ ބޮޑު ފިރިހެން ދަރިފުޅު ގުރޫޕަކާ ގުޅިގެން މަސްތުވާތަކެތި ބޭނުންކުރަން ފެށިއެވެ. އަތުންފައިން އެއްވެސް މަސައްކަތެއް ނުކޮށް، އޭނާގެ މުހުތާދުތައް ފިލުވުމަށް ބޭނުންވާ ފައިސާ ހޯދަނީ މަންމަ ގުދުބިންދައިގެން ކުރާ މަސައްކަތުން ލިބޭ ކުޑަ އާމްދަނީއިންނެވެ.
"އެއް ރޭ ކުއްލިއަކަށް ގެއަށް އައިސް ވަރަށް އަވަހަށް 500 ރުފިޔާ ދޭށޭ ބުނި ބިޓާއެކީ ރެސްޓޯރަންޓަކަށްދާން ވެގެން. އަހަރެން ބުނިން ދަރިފުޅާއޭ މިވަގުތަކު މަންމަ އަތުގައި ހަމަ އެންމެ ލާރިއެއްވެސް ނެތޭ. އޭރު އަންހެން ދަރިފުޅު ވެސް ކައިރީގައި އިން. އަހަރެން އެހެން ބުނުމާއެކު އެއައިގޮތަށް އައިސް އަހަރެންގެ ކަރުގައި ހިފާފަ ކޮޅަށް ނެގީ. ދެން ދަމާފަ ބަދިގެއާ ދިމާއަށް ގެންގޮސް، އުނދުން މަތީގައި ހުރި ގަރުދިޔަ ތެލި ބޮލަށް އޮއްސާލީ،"
އެ ހިސާބުން މަންމަގެ ބަޑި ފަޅައިގެން ދިޔައެވެ. ވާހަކަ ނުދެއްކޭ މިންވަރަށް ރޮވެން ފެށިއެވެ. އިރުގަނޑެއް ފަހުން ކުރިއަށް ގެންދިޔައެވެ. ލީޑިން ޓީޗަރު ބަހެއް ވެސް ނުބުނެ އިނީ އަޑުއަހާށެވެ.
"އެ މަންޒަރު ފެނިފައި އެ މަންޖެ ބިރުން ތުރުތުރުއަޅަން ފެށި. އެކުއްޖާ ޕްލީޒް ބޭބޭ! ބުނުމާއެކު ދުވެފައި ގޮސް އެކުއްޖާގެ މޫނުމަތީގައި ތަފާލެއް ޖެހި. އެކުއްޖާގެ މުޅި މޫނުމަތި ހުރީ ރަތްވެފަ. އެރެއަށް ފަހު އަހަރެމެން ދެމައިންނަށް ދޮށީ ދަރިފުޅުގެ އަނިޔާއާ ދޭތެރެ ދޭތެރެއިން ކުރިމަތިލާން ޖެހޭ. ބައެއް ފަހަރު ފައިވާނުންވެސް އަހަރެމެންނަށް ހަމަލާދޭނެ. ގެންގުޅޭ ލައިޓަރުން އަލިފާން ވެސް ޖައްސާނެ."
އެދެމައިންގެ ވާހަކަ ލީޑިން ޓީޗަރަށް ދޫކޮށްލަމާ ހެއްޔެވެ.
ހައްދެއް ނެތް މިފަދަ އަނިޔާތަކުގެ ވާހަކަ ލިޔެކޮޅުން ލާކަށްނެތެވެ. މުޖުތަމައުގެ ފަރުދާގެ ފުރަގަހުގައިވާ މި އަނދިރި ހަގީގަތްތައް ގުޅިފައިވަނީ އިޖުތިމާއީ އެތައް މައްސަލައަކާއެވެ. އެއް ޖިންސިން ގުޅުން ހިންގުމުގެ މުޑުދާރު އަމަލެވެ. މަސްތުވާތަކެތީގެ އަވާގައި ޖެހި ބުއްދި ރަންވެ، ތިމާގެ އަމިއްލަ ލެއަށް ވެސް އިހްތިރާމްކުރަން ނޭނގުމެވެ. ދިވެހިންގެ ބައެއް މީހުން އިސްލާމް ދީނާ ދުރުވެ، އެދީނުގައި ކަނޑައެޅިގެން ކުރުން މަނާކަންތައްތައް އަމިއްލަ ލައްޒަތަށްޓަކައި ހުއްދަކޮށްގެން އުޅޭ އުޅުމެވެ.
ސަކީނާ ފަދަ އަންހެނުންނަށް ލިބެމުންދާ ހައްދެއް ނެތް އަނިޔާތަކުން ސަލާމަތްވެވެން އޮތީ، އެއް ހާލަތަށްވުރެ ގިނަ ހާލަތްތައް އެއްކޮށްލައި، ވަށާ ޖެހޭ ހައްލެއް އެކަންކަމުގެ މުގުލުގައިވާ ހަގީގަތްތަކަށް ހޯދިގެންނެވެ. ކަމެއް ދިމާވުމުން، ވާހަކައެއް އަޑުއިވުމުން ހަމައެކަނި އެކަމަށް އެކަނި ނަޒަރުކޮށްގެން ސިޔާސަތު ރާވައިގެން މުޖުތަމައަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭކަށް ނެތެވެ. އެ އަނިޔާތަކަށް ނިމުމެއް ގެނެވޭކަށްވެސް ނުމެ ނެތްމެއެވެ. ވިސްނާށެވެ. ރާވާށެވެ. ފިޔަވަޅުއަޅާށެވެ.