އެމްއެމްޕީއާރުސީގެ ޗެއާޕާސަންއަކަށް ޖަނާހުގެ ދަރިކަނބަލުން ނޫރުއައިން އައްޔަންކޮށްފި

ނޫރުއައިން ޖަނާހު: އޭނާ ހުންނެވީ ހޮޓެލްސް އެންޑް ރިސޯޓް އިންވެސްޓުމަންޓު ކުންފުނީގެ ގުރޫޕް ވައިސް ޗެއާގެ މަގާމުގައި -- ފޮޓޯ/ އިންސްޓަގްރާމް، ނޫރުއައިން

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުނި އެމްއެމްޕީއާރުސީގެ ޗެއާޕާސަންއަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ، ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޕްރިންސިޕަލް އެޑްވައިޒަރި މުޙައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން އައިޝާ ނޫރުއައިން ޖަނާހު އައްޔަންކޮށްފިއެވެ.

ނޫރުއައިން އެ މަގާމަށް އައްޔަންކުރިކަން ހާމަކޮށް އެމްއެމްޕީއާރުސީން ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.

ނޫރުއައިން އަކީ ބައްޕަ ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓް އިންވެސްޓުމަންޓު ކުންފުނީގެ ގުރޫޕް ވައިސް ޗެއާއެވެ.

ނޫރުއައިން މަތީ ތައުލީމު ހާސިލުކުރައްވައި، ދިރިއުޅެފައިވަނީ ނިއުޒިލެންޑުގައެވެ. އެގޮތުން އޭނާ ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުން ކަމަށްވާއިރު އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވަނީ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިންނެވެ.

ނޫރުއައިންގެ ވެބްސައިޓުގައިވާ ގޮތުން އާއިލީ ވިޔަފާރީގައި ބައިވެރިވުމަށް އޭނާ ރާއްޖެ ބަދަލުވީ މިދިޔަ އަހަރެވެ.

ރައީސްގެ އެޑްވައިޒަރަކަށް ޖަނާހު އައްޔަންކުރައްވާފައިވާއިރު އޭނާއަކީ ހޮޓެލްސް އެންޑް ރިސޯޓް އިންވެސްޓުމަންޓު ކުންފުނީގެ ޗެއާގެ އިތުރުން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސެވެ.

comment ކޮމެންޓް