ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބޭއްވި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސިޓީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުރިއަށްދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ސިޓީ ސްޕޯޓްސް ކްލަބުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުން މޮޅުވެގެންނެވެ. އެ މެޗުގައި ސިޓީ ސްޕޯޓްސް ކްލަބު ނުކުތީ ކްލަބު ވެމްކޯއާ ދެކޮޅަށެވެ.
ރޭ ކުޅުނު ފައިނަލް މެޗުގައި ވެމްކޯގެ މައްޗަށް ސިޓީ ސްޕޯޓްސް ކްލަބުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ސިޓީ ސްޕޯޓްސް ކްލަބުން އެ މެޗުގެ ސެޓުތައް ގެންދިޔައީ 28-26، 25-17 އަދި 25-22 އިންނެވެ.
ފައިނަލް މެޗަށްފަހު ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ޓީމުތަކުގެ އިތުރުން އެކި މަގާމުތަކަށް ހޮވުނު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޑްރީމް ޓީމު ވެސް ވަނީ ހޮވައިފައެވެ.
ފިރިހެން ޑިވިޝަންގެ ޑްރީމް ޓީމު:
- އަލީ ނިމާލް (ސިޓީ ސްޕޯޓްސް ކްލަބު) - ބެސްޓް ސެޓާ
- ހުސައިން ޔޫސުފް (ކްލަބު ވެމްކޯ) - ބެސްޓް މިޑްލް ބޮލްކާ
- އާދަމް ފައިރޫޒް (ކްލަބު އާބަންކޯ) - ސެކަންޑް ބެސްޓް މިޑްލް ބޮލްކާ
- އަލީ ހުޒާމް (ކްލަބު ވެމްކޯ) - ބެސްޓް އައުޓްސައިޑް އެޓޭކާ
- އިސްމާއިލް ސާޖިދު (ކްލަބު އާބަންކޯ) - ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކާ
- އަހުމަދު ފާޒިލް (ސިޓީ ސްޕޯޓްސް ކްލަބު) - ބެސްޓް އޮޕަސިޓް ޕްލޭޔާ އަދި މޯސްޓް ވެލިއުބަލް ޕްލޭޔާ
- އަހުމަދު ނަބީލް (ކްލަބު ވެމްކޯ) - ބެސްޓް ލިބެރޯ ޕްލޭޔާ
- ނުއެމުކަމެދް ޓޮކްޓޮއޭވް (ސިޓީ ސްޕޯޓްސް ކްލަބު) - ބެސްޓް އިންޓަނޭޝަނަލް ޕްލޭޔާ
- މުހައްމަދު ލަތުފާން އަލީ (ޕޮލިސް ކްލަބު) - މޯސްޓް ޕްރޮމިސިން ޕްލޭޔާ
- މުހައްމަދު ޝަރަފް (ސިޓީ ސްޕޯޓްސް ކްލަބު) - ބެސްޓް ކޯޗު