'އެނިމަލް'ގެ ރޯލަށް ޕަރިނީތީ ކަމަކު ނުދިޔަ

ބަތަލާ ޕަރިނީތީ އަދި 'އެނިމަލް'ގެ ޑައިރެކްޓަރު ސަންދީޕް

މި މަހުގެ އެއްވަނަ ދުވަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އެނިމަލް"ގެ ބަތަލާއަކަށް ފުރަތަމަ ހަމަޖެއްސީ ޕަރިނީތީ ޗޯޕްރާ ކަމަށް ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ބުނެފިއެވެ.

އެހެންނަމަވެސް "އެނިމަލް"ގައި ޕަރިނީތީ ކުޅެން ހަމަޖެހުނު ގީތާންޖަލީ ކެރެކްޓާއަށް ޕަރިނީތީ ފިޓު ނުވާނެކަން ވިސްނުމާ އެކު އެ ރޯލަށް ރަޝްމިކާ ގެންނަން ނިންމީ ކަމަށް ސަންދީޕް ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ޕަރިނީތީގެ ކިބައިން މާފަށް ވެސް އެދިފައިވާނެ ކަމަށް "އެނިމަލް"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ހިންދީ ސިނަމާއަށް ވެސް މިހާރު ތަޢާރަފުވެފައިވާ ސައުތު ސިނަމާގެ ކާމިޔާބު ބަތަލާ ރަޝްމިކާއާ އެކު މަސައްކަތް ކުރުމަކީ ސަންދީޕް އަބަދު ވެސް ދުށް ހުވަފެނެއް ކަމަށާ އޭނާގެ ފިލްމު "އަރުޖުން ރެޑީ"ގެ ރީމެކް "ކަބީރް ސިންގް"އަށް ވެސް ރަޝްމިކާ ގެންނަން ބޭނުންވި ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ. ނަމަވެސް އޭރު ރަޝްމިކާއަށް ފިލްމަށް ވަގުތު ނުދެވުމުން އެ ރޯލަށް ހޮވީ ބަތަލާ ކިއާރާ އަދްވާނީއެވެ. ބަތަލާ ޕަރިނީތީގެ ފިލްމުތަކުގައި ދައްކާފައިވާ އެކްޓިން ހުނަރަށް ތައުރީފު ކުރަމުން ސަންދީޕް ބުނީ ފިލްމެއްގެ މަސައްކަތާ ގުޅިގެން އެންމެ ފުރަތަމަ އިސްކަންދޭނީ ފިލްމުގެ ކޮލިޓީއަށް ކަމަށާ އެއަށް ވުރެ މުހިއްމު އެހެންކަމެއް ނޯންނާނެ ކަމަށެވެ.

ޕަރިނީތީގެ ބަދަލުގައި 'އެނިމަލް'އިން ފެނުނު ބަތަލާ ރަޝްމިކާ-- ފޮޓޯ/ އިންޓަނެޓު

ޕަރިނީތީއާ އެކު އޭރު ވެވުނު އެއްބަސްވުން ނިންމާލި ނަމަވެސް ސަންދީޕާއި ބަތަލާއާ ދެމެދު އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތް ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ރަންބީރު ކަޕޫރު، ރަޝްމިކާ މަންދަންނާ، ބޮބީ ޑިއޯލް، އަނިލް ކަޕޫރު އަދި ތުރިޕްތީ ދިމްރީ މުހިއްމު ރޯލުތައް ކުޅެފައިވާ ފިލްމު "އެނިމަލް"އަކީ ވަރަށް ވަރުގަދަ އެކްޝަން ޑްރާމާއެކެވެ.

comment ކޮމެންޓް