ސަރުކާރު މުވައްޒަފުންނަށް މިރޭގެ ފަތިސް ނަމާދު ޖަމާއަތަށް ދާން އަންގައިފި

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މާދަމާ ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ދުވަސް ފެށުމަށް ޓަކައި، ސަރުކާރު މުވައްޒަފުން މިރޭގެ ފަތިސް ނަމާދު ޖަމާއަތަށް ދާން އަންގައިފިއެވެ.

މި ގޮތަށް އަންގައި, ސަރުކާރު އޮފީސްތަކަށާއި، ކުންފުނިތަކަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ސާކިއުލާއެއް ފޮނުވައިފައެވެ.

އެގޮތުން މާދަމާގެ ދުވަސް ފެށުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖޭގައި ބޮޑު ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ.

މާލޭ ސަރަހައްދުގައި ވެސް ބޮޑު ޖަމާއަތުގައި ތިން މިސްކިތެއްގައި ފަތިސް ނަމާދުކުރާނެއެވެ. އެ މިސްކިތްތަކަކީ:

  • ކިންގް ސަލްމާން މިސްކިތް/ މާލެ
  • މަސްޖިދުލް އަލްޘާނީ/ ހުޅުމާލެ
  • މަސްޖިދުލް ބިއްރު/ ވިލިމާލެ

މީގެ އިތުރުން މާލޭ ސަރަހައްދުގައި ދުވަހާ ގުޅޭ ޚާއްސަ ސުކޫތެއް ވެސް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ސުކޫތު އޮންނާޏީ ސުނާމީގެ ފުރަތަމަ ރާޅު ރާއްޖޭގެ އެންމެ ފުރަތަމަ ރަށަށް އެރިކަމަށް ރެކޯޑުކުރެވިފައިވާ ގަޑިކަމަށްވާ ހެނދުނު 09:23 ގައެވެ.

މިނިސްޓްރީން ވަނީ އެ ވަގުތު ސުކޫތު ގެނައުމަށް ޓަކައި މާލޭ ސަރަހައްދުގައި ހުރި ހުރިހާ ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކާއި، ސްކޫލުތަކާއި ކޮލެޖުތަކުގެ މުވައްޒަފުންނާއި ދަރިވަރުން އެ ވަގުތަށް ތައްޔާރުވުމަށް އެދިފައެވެ. އެގޮތުން 09:00 އިން ފެށިގެން އެ ތައްޔާރީތައް ވުމަށްވަނީ އަންގައިފައެވެ.

އެ ސުކޫތުގެ ކައުންޓްޑައުން މަގުތަކުގައި ހުންނަ ޓީވީތަކާއި، ރޭޑިއޯއާއި ޓީވީ މެދުވެރިކޮށް ގެނެސްދޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެއާއެކު މިނިސްޓްރީންވަނީ މި ދުވަސް ފަހަގަކުރުމަށް އިލްތިމާސްކޮށްފައެެވެ. އަދި އެ އިދާރާއަކުން ހިންގާ ކަންކަން ސޯޝަލް މީޑިއާއާއި އެ ނޫން ތަންތަނުގައި ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.

މި އަހަރު ސުނާމީ ކާރިސާއަށް ފުރޭނީ 19 އަހަރެވެ. އެ ހިތްދަތި ކާރިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.

comment ކޮމެންޓް