މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތަކާއެކު ފުޅަދޫއިން ކުރަނީ ޓޫރިޒަމްގެ މާ ފޮނި އުންމީދެއް

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދުއަށް ފެށުން-- ފޮޓޯ/ މޯލްޑިވިއަން

ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެއް އަތޮޅަކީ ބ. އަތޮޅެވެ. ހަފުތާއަކު އެތައް ފަތުރުވެރިން އެ އަތޮޅަށް ޒިޔާރާތް ކުރެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ރަށަކީ އެ އަތޮޅުގެ ފުޅަދޫއެވެ.

ފުޅަދުއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އިއްޔެ ވަނީ ފަށައިފައެވެ.

މޯލްޑިވިއަނުން ބުނީ މިއީ ޝެޑިއުލް ފްލައިޓުތަކެއް ރަށަކަށް ފެށި ފުރަތަމަ ފަހަރު ކަމަށެވެ.

އެއާއެކު ފުޅަދޫގެ އިތުރުން އެ އަތޮޅުގެ ކައިރީ އެހެން ރަށްތަކަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހިތްގައިމު ތަޖުރިބާތަކެއް ކުރެވިގެންދާނެއެވެ.

މި ދަތުރުތައް ފުޅަދުއަށް ކުރާނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހު ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

ބ. އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އަތޮޅެކެވެ.

އެގޮތުން މޯލްޑިވިއަނުން ބުނީ ދަތުރުތަކުގެ ޑިމާންޑަށް ބަލައި ފްލައިޓް މަޑުމަޑުން އިތުރުކުރާނެ ކަމަށެވެ. އެއާއެކު އެ ވެގެންދާނީ ބ.އަތޮޅުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާ ބޮޑު އެހީތެރިކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ފުޅަދޫއަށް ފަށައިގަތުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ.

އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށް އިޔާސް ވިދާޅުވިއެވެ.

"ސީޕްލޭންގައި ދަތުރުކުރުމަކީ ދަތުރުފަތުރުގެ އެހެން ވަސީލަތްތަކާ ތަފާތުކޮށްދޭ ތަފާތު ތަޖުރިބާއެއް. ރާއްޖެ ޒިޔާރާތްކުރާ މެހެމާނުންނަށް މި ފަދަ ހިތްގައިމު ތަޖުރިބާއެއް ކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް،" އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަނުން ބުނީ މި ޝެޑިއުލް ސީޕްލޭން ދަތުރުތަކުގެ އަމާޒަކީ ރާއްޖޭގެ .ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ އިތުރުން ބ.އަތޮޅުގެ ރަށްތައް ކަމަށްވާ ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫގައި ހިތްގައިމު ތަޖުރިބާއެއް ހޯދަން ދަތުރުވެރިންނަށް ލުއި ފަސޭހަކޮށްދިނުން ކަމަށެވެ.

'ސަން' އާ ވާހަކަދައްކަވަމުން ފުޅަދޫ ކައުންސިލް ރައީސް އަލީ އަޒުހަރު ވިދާޅުވީ ފުޅަދޫއަކީ މިހާރު ފަތުރުވެރިކަން ކުރިއަރަމުން އަންނަ އެއް ރަށް ކަމަށެވެ.

އެގޮތުން އެ ރަށުގައި ގެސްޓްހައުސް ވިޔަފާރި ވެސް ފުޅާ ކަމަށާއި މިހާރު ވެސް އަށް ގެސްޓުހައުސް ހުންނަ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

"ދަތުރުފަތުރު އެއީ ވަރަށް މުހިންމު ކަމެއް ފަތުރުވެރިކަން ކުރިއެރުވުމަށް. ސީޕްލޭންގެ ދަތުރުތައް ފެށުމާއެކު އެއީ ރަށަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނީ،" އަޒުހަރު ވިދާޅުވިއެވެ.

އަޒުހަރު ވިދާޅުވީ އެ ރަށަށް ސީޕްލޭން ދަތުރުތައް ފެށުމުގައި ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ވަރަށް ބޮޑު ދައުރެއް އެބައޮތް ކަމަށެވެ.

އަދި އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށް ވެސް ވިދާޅުވިއެވެ.

"ދެން ފާހަގަކޮށްލަންޖެހޭ މިކަމަކީ ރައީސްގެ ވައުދުފުޅެއް މި ރަށަށް ވަޑައިގެންވި. އެހާ އަވަހަށް އެކަންވުމުން ރައީސްއަށް ވެސް ޝުކުރުއަދާކޮށްލަން ބޭނުން،" އަޒުހަރު އިތުރަށް ވިދާޅުވިއެވެ.

comment ކޮމެންޓް